ސަޕޯޓަރުންތަކަކާ އެކުު ބޭއްވި ބައްދަލުވުމެއްގެ ތެރޭގައި މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބޯމްގައި ގައިގައި ބައްދައި ގަނެ، އޭނަ އަށް ދޮންދޭން މަސައްކަތްކުރި މީހަކަށް ދައުވާ ކުރާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި އަންގާރަ ދުވަހު ވެރިރަށް މެކްސިކޯ ސިޓީގެ ނެޝަނަލް ޕެލަސްގެ ކައިރީގައި ރައީސް ސަޕޯޓަރުންތަކަކާ ބައްދަލު ކުރައްވައި ވާހަކަ ދައްކަން ހުންނަވަނިކޮށެވެ. އެގޮތުން މީހަކު ކުއްލިއަކަށް ރައީސްގެ ފަހަތުން ގައިގައި ބައްދައި ގަނެ، ކަނދުރާގައި ބޮސްދޭން މަސައްކަތްކޮށްފައިވެ އެވެ
މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ދައުރުވެފައިވާ އިރު، ލިބިވަޑައިގަތް ކުއްލި ސިހިވަޑައގަތުމާ އެކު ރައީސް ދުރަށް ޖެހިވަޑައިގަންނަވާ ތަން ފެނެ އެވެ. އަދި ރައީސް ގައިގައި ބެއްދި މީހާ ސެކިއުރިޓީން ހިފަަހައްޓާތަން ވެސް ފެނެ އެވެ.
އެ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ނަމަވެސް އޭނަގެ ވަނަވަރެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މި ހާދިސާއާ ގުޅިގެން ރައީސް ޕްރެސްއެެއްގައު ވިދާޅުވީ ޖިންސީ ގޯނާކުރަން އުޅުނު މީހާ އަަށް ދައުވާ ކުރައްވާނެ ކަމަށާއި މިއީ މެކްސިކޯގެ އަންހެނުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ކުރައްވާ ކަމެއް ކަމަށެވެ.
"މިކަން މިއަދު އަހަރެން ނުކޮށްފި ނަމަ މި ގައުމުގެ އަންހެނުންގެ ރައްކާތެރިކަމަށް ވާނީ ކިހިނެއް؟" ޝެއިންބޯމް ވިދާޅުވި އެވެ. "ގައުމެއްގެ ރައީސަށް މިފަދަ ގޮތަކަށް ފުރައްސާރަކުރެވޭ ނަމަ ގައުމުގެ ކޮން އަންހެނަކަށްތޯ ރައްކާތެރިކަން އޮންނާނީ؟"
ރައީސް ވިދާޅުވީ މިކަން ލުއިކޮށް ނުނަގަންވާނެ ކަމަށެވެ އަދި މީގެ ކުރިން ވެސް މިފަދަ ގޯނާތަކެއް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތް ކަމަށް ވިދާޅުވި އެވެ. އެހެންވެ އަންހެނެއްގެ ހައިސިއްޔަތުން މިއީ މެކްސިކޯގެ އަންހެނުންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވި އެވެ.
"އަހަރެން ކިޔަވަން އުޅުނު ދުވަސްވަރު ވެސް ހަމަ މިފަދަ ކަމަކާ ކުރިމަތިލާން ޖެހުނު. ކޮންމެ ކަމަކަށް ވެސް ހައްދެއް އޮންނަން ވާނެ،" ޝެއިންބޯމް ވިދާޅުވި އެވެ. "ކޮންމެ މީހަކަށް ވެސް އެނގެން ވާނެ ވަކި ހައްދެއްގެ ތެރޭގައި ހުންނަން. ހުރަސްކޮށްގެން ނުވާނެ ރޮނގެއް އޮންނަން ވާނެ."
މެކްސިކޯގެ ރައީސް ކަމަށް ޝެއިންބޯމް، 63، ވަޑައިގެންނެވީ މިދިޔަ އަހަރު އެވެ. އަދި އޭނަ އަކީ އެ ގައުމުފެ ފުރަތަމަ އަންހެން ރައީސެވެ.