އައްޑޫ ފޭދޫ ސްޕޯޓްސް ކޮމްޕްލެކްސް ހަދަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.
އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އައްޑު އަށް ކުރެއްވި ދަތުރުގެ ތެރެއިން ގުޅިފައިވާ އަވަށްތަކުގެ ރައްޔިތުންނާ އެކު ރޭ ބޭއްވި ޖަލްސާގަ އެވެ.
ފޭދޫ ސްޕޯޓްސް ކޮމްޕްލެކްސްގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ/އެމްޑީ އިބްރާހީމް ޝަރީފެވެ. ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަބްދުއްރައްޒާގް އިބްރާހީމެވެ.

ފޭދޫ ސްޕޯޓްސް ކޮމްޕްލެކްސް އަކީ އެންމެ ފުރަތަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިއުލާންކުރި މަޝްރޫއެކެވެ. އެގޮތުން ފޭދޫ ހިއްކި ބިމުގައި ހަދަން ނިންމި އެ ކޮމްޕްލެކްސްގެ މަސައްކަތް ވިމްލާ ކޮންސްޓްރަކްޝަނާ ހަވާލުކޮށް، އެތަނުގެ ބިންގާ އެޅީ މެއި 4، 2017 ގަ އެވެ.
އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ އެ އަހަރުގެ އޮކްޓޯބަރަށް ނިންމާ ގޮތަށް 4.5 މިލިއަން ރުފިޔާއަށެވެ.

ސްޕޯޓްސްގެ ކޮމްޕްލެކްސްގެ އިމާރާތް ކުރަން ފަށައި ނުނިމި ވަނިކޮށް 2018 ގައި ވެރިކަން ބަދަލުވެ އޭގެ ފަހުން އެތަނުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އަދި މިހާރު އެތަން ވީރާނާވެ، ކުރިން ރޭނި ފާރުތަކުން ވެސް މިހާރު ފެންނަން ހުރީ ތަންތަންކޮޅެވެ.