Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހަވާލުކުރާ މަޝްރޫއުތަކަށް ބަރާބަރަށް ފައިސާ ލިބޭނެ

ސަރުކާރުން މިހާރު ހަވާލުކުރާ މަޝްރޫއުތަކަށް ބަރާބަރަށް ލިބޭނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފި އެވެ.

މިއަދު 206 މަޝްރޫއެއް 53 ކުންފުންޏަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ ހަވާލުކުރާ މަޝްރޫޢުތަކަށް ފައިސާ ދޫކުރާނީ އެ މަޝްރޫޢު ކުރިއަށްދާ މިންވަރަށް ބަލައި ހަރުދަނާ މިންގަންޑެއްގެ ތެރެއިން ކަމަށެވެ.

ޒަމީރު ވިދާޅުވީ ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ކުންފުނިތަކާއި ހަވާލުކުރީ ކޮންޓްރެކްޓަ-ފައިނޭންސް އުސޫލުން ކަމަށެވެ. މީގެ ސަބަބުން ބޭންކުތަކުން ފައިނޭސިން ލިބި ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، ރައްޔިތުން އެދޭ އަވަސް މިނެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިއަދު ސޮއިކުރެވުނު މަޝްރޫޢުތަަށް ސަރުކާރުން ކަނޑައަޅާ ޕާފޯމެންސް މިންގަނޑުތަކާއި، މަސައްކަތުގެ ނަތީޖާތަކާއި ގުޅިފައިވާ ގޮތަށް ފައިސާ ދިނުމުގެ ސާފު އޮނިގަނޑެއް ޤާއިމްކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. "މިއީ ހަލުވިކަމާއި ޖަވާބުދާރީވުން އެއްކޮށްލާ ނިޒާމެއް. މި ޕްރޮގްރާމުގެ ބޭނުމަކީ ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރެދިނުން. ކޮންމެ މަޝްރޫޢެއް އެކުލަވާފައި ވާނީ ރައްޔިތުންގެ ދިރިއުޅުމުގެ ސީދާ އަސަރު ކުރާނެ."

އޭނަ ވިދާޅުވީ މިމަޝްރޫޢުތަކާއެކު އެކި ފަރާތްތަކުގެ އަތްމަތި ތަނަވަސްވެ ދިވެހި ވިޔަފާރިތަކަށް މާލީ މަންފާ ލިބޭނެ ކަމަށެވެ. އަދި މިއީ މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެޅިގެންދާ ބިންގަލެއް ކަމަށާއި ދިވެހި ވިޔަފާރިތައް ބާރުވެރިކޮށް ބޭރުގެ ވިޔަފާރިތަކުން ޤައުމުން ބޭރުކުރާ ބޭރު ފައިސާ މަދު ކުރެވޭނެ ކަމެއް ކަމަށެވެ.

"މަޝްރޫޢު ހިންގުމާއި ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެ. މި އެއްބަސްވުންތައް ހިމެނޭނީ އާންމު އިންވެސްޓްމެންޓް ފްރޭމްވޯކުގެ ތެރޭގައި މޮނިޓަރިން އިންތިޒާމު ހިމެނޭހެން،" ޒަމީރު ވިދާޅުވި އެވެ. "އެހެންކަމުން ބޭންކުތަކަށްވެސް ފައިދާ ލިބި އިތުރު މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދޭން މަގުފަހިވެގެން ދާނެ."