Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ކުނިން ހަކަތަ އުފައްދާ އައްޑޫ ޕްލާންޓް މަރާމާތު ކުރަނީ

ކުރީގެ ސަރުކާރުން އައްޑޫގައި ގާއިކޮށްފައިވާ ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ ބޭނުން ކުރަން ނުފެށި ވަނިކޮށް އެތަން މަރާމާތު ކުރަން ޖެހި އެކަމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އެ މިނިިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ހިތަދޫ އާރޭފް ސަރަހައްދުގައި ގާއިމުކޮށްފައިވާ ޕްލާންޓް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނާއި އެކަމާ ގުޅުން ހުރި އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރީކޮށް ދޭން ޝައުގުވެރިފާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 9 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީ ވާނީ މި މެއިލް މެދުވެރިކޮށެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އައްޑޫގައި ގާއިމުކުރި ކުނިން ހަަކަތަ އުފައްދާ ޕްލާންޓަކީ 1.5 މެގަވޯޓު ކަރަންޓު އުފެއްދޭ ޕްލާންޓެކެވެ. އަދި މިއީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިން ކުރެވިފައިވާ ޕްލާންޓެކެވެ. މިއީ ރާއްޖޭގައި ގާއިމުކުރި މިފަދަ ފުރަތަމަ ޕްލާންޓެވެ.

އައްޑު އާއި ފުވައްމުލަކުގެ ކުނި މެނޭޖް ކުރަން ހާއްސަކޮށްގެން ހެދި މި ޕްލާންޓަކީ ގްރީން ޓެކްސް ފަންޑުގެ ހަރަދުގައި ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އެގޮތުން އެ މަޝްރޫއަށް 16 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީއެންޓީ85 އެވެ.

ޕްލާންޓްގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކޮށްފައި ވަނީ 2023 ގަ އެވެ.

އެ ޕްލާންޓްގެ އޮޕަރޭޝަންސް އެންވަޔަރަމަންޓް މިނިސްޓްރީ ހަވާލުކޮށްފައި ވަނީ ވެމްކޯއާ އެވެ. އެ ކުންފުންޏާ އެކު މިކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މި އަހަރުގެ ޖުލައި މަހުގެ މެދުތެރޭގަ އެވެ.