Last Updated: July 5, 04:20
Sunday, July 5, 2026
ޚަބަރު

ރިސޯޓުތަކުން އުކާ ތެޔޮ ވިއްކާ ބަޔަކު ހައްޔަރުކޮށްފި

މޯލްޑިވްސް ފުޑް ޑްރަގް އެންޑް ޑްރަގް އޮތޯރިޓީން އަންގާފައިވާ ގޮތާ ހިލާފަށް، ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކަމުންދާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު އެ މީހުން ހައްޔަރުކޮށްފައިވަނީ އެމްޕީއެލް ކޮންޓެއިނާ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ފަސް މީހެކެވެ.

އެ މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައިފާސްކުރިއިރު ރިސޯޓުތަކުގައި ބޭނުންކޮށްފައި ހުރި 46 ހަން ތެޔޮ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު އެކަކު ދޫކޮށްލައި، ދެންތިބި ހަތަރު މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަލް އަމީން ބޮޔަޓި، 37، އާއި ދުލާލް މިއާހް، 33، އާއި މޮހަންމަދު ރަސެލް މިއާހް، 34، ގެ އިތުރުން މަންވަރު ހޮސައިން، 45، އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.