އާންމު ފަރުދުން މުއްސަނދި ކުރަން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތަރައްޤީގެ މަޝްރޫޢުތައް ކޮންޓްރެކްޓާ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ވަރަށް ރަނގަޅު މިސްރާބަކަށް ޖެހިފައިވާކަމަށާއި މި މަޝްރޫއުތައް ހަވާލުކުރެވުނީ ޑިފޯލްޓްކުރުމަށް ޑިޒައިންކޮށްފައި އޮތް އިޤްތިޞާދެއް ނަގައި ކޮޅަށް ޖަހައި، ސަރުކާރުގެ ތެރެއިން ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކަމަށެވެ.
ކުންފުނިތަކާއި މަޝްރުޢޫތައް ޙަވާލުކޮށްފައިވަނީ، ތިން އަހަރު ދުވަހުގެ "އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް" ހުށަހަޅައިގެން، ބޭންކުން ބޭނުންވާ ހުރިހާ އިޖުރާޢަތްތަކެއް ފުރިހަމަކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އަންނަ ދަތިތަކުގެ ލަސްކަމެއް، މިއަދު ސޮއިކުރެވުނު އެއްވެސް މަޝްރޫޢަކަށް ކުރިމަތިނުވާނެކަމުގެ ޔަޤީންކަންދެއްވައި، ކުންފުނިތަކުން މަސައްކަތް ނިންމައި، ފައިސާ ހޯދުމަށް އެދުމުން ބަރާބަރަށް ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ކުރިއަށްއޮތް ތަނުގައިވެސް ސަރުކާރުން އަމިއްލަ ކުންފުނިތަކާ އެކި މަޝްރޫޢުތައް ހަވާލުކޮށް، ރާއްޖޭގެ އާންމު ފަރުދުން މުއްސަނދި ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ، ތަފާތު ނުވަ ދާއިރާއާއި ގުޅޭ މަޝްރޫޢުތަކެވެ. އޭގެ ތެރޭގައި ތަޢުލީމް، ޞިއްޙަތު، ތިމާވެށި، މަސްވެރިކަން، ކުޅިވަރު، ގެދޮރުވެރިކަން، ދީނީ އަދި އިޖުތިމާޢީ ދާއިރާގެ އިތުރުން ޒުވާނުންނާއި ގުޅޭ ދާއިރާގެ މަޝްރޫޢުތައް ހިމެނެ އެވެ.
މިއަދު ސޮއިކުރެއްވި މަޝްރޫޢުތަކުގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަންދެއްވާ ތަރައްޤީގެ ދާއިރާކަމަށްވާ ގެދޮރު ބިނާކުރުމުގެ ދާއިރާއިން، 13 ރަށެއްގައި 825 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ އެކި ފަހަރުމަތިން ބޯހިޔާވަހިކަމުގެ ދާއިރާއިން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ކުރިއަށް ގެންދަވާ މަޝްރޫޢުތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ.