މިދިޔަ އާދީއްތަ ދުވަހު އެމްޕީއެލްގެ މާލޭ ބަނދަރު ސަރަހައްދާ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ކޮޅުވެއްޓި ދުއްވި ހުރި ކެޕްޓަނަކީ މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސެންސް ނެތް ފަރާތެއް ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ދެ މީހަކު ނިޔާވެފައިވެ އެވެ. ނިޔާވެފައިވަނީ ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ. މި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ވަނީ ފަށައިފަ އެވެ.
އެ ތަހުގީގަށް ފަހު އާއްމުކުރި ވަގުތީ ރިޕޯޓްގައި ބުނީ މި އޮޕަރޭޝަންގައި 2 އެކްސްކެވޭޓަރު އެރުވުމަށް މުދާ އެތެރެކުރި ފަރާތް ހަމަޖެއްސި ލޭންޑިން ކްރާފްޓް ދުއްވަންހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއް ނޫން ކަމަށާއި ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓެއް ވެސް ނެތް ކަަމަށެވެ.
ލޭންޑިން ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ޤަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަމާއި އެއީ ލޭންޑިން ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއް ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެއިތުރުން އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ހެދިފައި ހުރި ގަވާއިދުތަކުގެ ތެރެއިން، ކަށަވަރުކޮށްދޭންޖެހޭ ފަރާތަކީ އުޅަނދުގެ ކެޕްޓަން ކަމަށާއި ކެޕްޓަން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން 2 އެކްސްކެވޭޓަރު ލޭންޑިން ކްރާފްޓްގައި ބެހެއްޓުމަށްފަހު، ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގި ކަމަށް ރިޕޯޓުގައިވެ އެވެ.
ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބުކަމަށް އެމްޕީއެލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެމްޕީއެލްއިން ބުނިގޮތުގައި ލޭންޑިން ކްރާފްޓަށް 2 އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންސްތައް ފުރިހަމަކޮށްފައިވަނީ މިފަދަ އޮޕަރޭޝަންސްތަކުގައި މި ވަގުތު އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މިފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި މުދާ ގެންނަ ފަރާތުން މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިންގެ ފެންވަރު ވަޒަންކުރުމާއި ލައިސަންސް ޗެކްކުރުން ފަދަ ކަންތައްތައް ގަވާއިދާއި އުޞޫލުގެ ތެރެއިން އެމްޕީއެލްއިން ބަލަންޖެހޭ ކަންކަން ނޫން ކަމަށާއި ނަމަވެސް މުރާޖަޢާކޮށް، އުސޫލު މިހާރު ބަދަލުކޮށްފައިވާކަމަށް އެމްޕީއެލްއިން ބުންޏެވެ.
މީގެއިތުރުން ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި މިހާރު ޢަމަލުކުރަމުންދާ ޢުސޫލުތައް މުރާޖާކޮށް، ހަރުދަނާކުރުމާއި ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެ އެވެ.