ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ (ވަރަ އެކްސްޕޯ 2025) މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފި އެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގެ މަޤްސަދަކީ، ވަޒީފާގެ ފުރުސަތުތަކާއި ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް އެއްތަނަކުން ހޯދުމުގެ މަގު ފަހިކޮށްދީ، ދިވެހި ޒުވާނުން ބާރުވެރިކުރުމެވެ.
މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސާގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަރެކްޓިވް ހަރަކާތްތައް ހިމެނޭ ޚާއްސަ ސްޓޯލެއް ގާއިމުކޮށްފަ އެވެ. މި ސްޓޯލުން ބޭންކުގެ އިންޓާންޝިޕް ޕްރޮގްރާމާއި ސްކޮލާޝިޕްގެ ފުރުސަތުތަކާއި، ދަރިވަރުންނާއި ޒުވާން ޕްރޮފެޝަނަލުންނަށް ހުޅުވާލާފައިވާ އިންޑަސްޓްރިއަލް ޕްލޭސްމަންޓްތަކާ ގުޅޭ މައުލޫމާތުތައްވެސް ހިއްސާކުރާނެ އެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ބޭނުންވާ ކެރިއަރ ގައިޑެންސް އާއި ޖޮބް ކޯޗިން ވެސް ބޭންކުގެ ތަޖުރިބާކާރުން ފޯރުކޮށްދޭނެ އެވެ.
ފާއިތުވި އަހަރުގެ އެކްސްޕޯއަށް އަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، 10،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި އެވެ. މި އަހަރުގެ އިވެންޓް ހޮނިހިރު ދުވަހުގެ ރޭ 22:00 އާ ހަމައަށް، ކުރިއަށްދާނެ އެވެ.