އައްޑޫ ހިމާޔަތްކޮށްފައިވާ މަތިކިޅި އިކޯ ގާޑެން މަރާމާތު ކުރުމުގެ މަސައްކަތް ދޭއްގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަސއްކަތްކޮށް ދޭން ވާ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީ ވާނީ އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ.
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 33،500ރ. ހުށަހަޅަން ޖެހޭނެ ކަމަށް ކައުންސިލުން ބުންޏެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.
ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގަ އެވެ.
މަތިކިޅި އިކޯ ގާޑެން މަރާމާތު ކުރަން ބީލަމަށް ހުޅުވައިލި އިރު، އެތަނުގައި މި ފަހަކަށް އައިސް އަލިފާން ރޯވުމުގެ ހާދިސާތައް ތަކުރާރުވެ، ތަނަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.
އެތަނުގައި އެންމެ ފަހުން ރޯވީ މިދިޔަ މަހުގެ 4 ގަ އެވެ. އޭރު އެތަނުގެ ބުރިޖް ވޯކުވޭގެ ބޮޑު ބައެއް އަނދައި ބޭނުން ނުކުރެވޭ ވަރު ވެފައިވެ އެވެ.