Last Updated: June 8, 06:42
Monday, June 8, 2026
މުނިފޫހިފިލުވުން

އަރިއަން ފީޗާ ފިލްމެއް ހަދަން ތައްޔާރު ވަނީ

ބައްޕަ ޝާހްރުކާ އެކު އަރިއަން 'ދަ ބޭޑްސް އޮފް ބޮލީވުޑް' ގެ ސެޓްގައި.

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން މިހާރު ފީޗާ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނަގެ ފުރަތަމަ މަސައްކަތަކީ ލިޔެ، ޑައިރެކްޓްކޮށް މިދިޔަ ސެޕްޓެމްބަރު މަހު ނެޓްފްލިކްސް އަށް ގެނެސްދިން 7 އެޕިސޯޑްގެ މަގުބޫލު ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" އިންނެވެ.

ޕިންކްވިލާ އިން މިއަދު ބުނީ އަރިއަން ވަރުގަދަ ފީޗާ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި އޭގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. ނަމަވެސް އޭގެ ކުރިން އޭނަ "ބޭޑްސް އޮފް ބޮލީވުޑް" ގެ ދެވަނަ ސީޒަން ހަދާނެ ކަމަށާއި އެ މިހާރު އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށް އެ ނޫހުން ބުންޏެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ބައްޕަ ޝާހްރުކް ހިމަނައިގެން ވެސް ފިލްމެއް ހަދަން އަރިއަން އަންނަނީ ޕްލޭން ކުރަމުންނެވެ. އަދި އޭގެ މަސައްކަތް ފަށާނެ ކަމަށް ބެލެވެނީ 2027 ގެ ފަހުންނެވެ. "ބޭޑްސް އޮފް ބޮލީވުޑް" ގައި ޝާހްރުކްގެ ހާއްސަ ފެނިލުމެއް ހިމަނާފައިވާ އިރު، މިދިޔަ ހަފުތާގައި ފޭނުންނާ އެކު އެކްސްގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނެއްގައި އަރިއަންގެ ފިލްމަކުން ފެންނާނީ ކޮން އިރަކުންތޯ މީހަކު އެހުމުން ޝާކްރުކް ވަނީ ސަމާސާ ޖަވާބެއް ވެސް ދީފަ އެވެ.

ދަރިފުޅު ހަދާ ފިލްމަކުން ފެންނާނީ އެ ފިލްމަކަށް ބައްޕަ ގެންދަން އަރިއަން އަށް "އެފޯޑް ކުރެވުނު އިރަކުން" ކަމަށާއި އަދި އޭނަގެ "ބޮޑާހޭކުން" ވެސް ދަރިފުޅަށް ކެތްކުރެވޭ ނަމަ ކަމަށް ޝާހްރުކް ބުންޏެވެ.

ބޮލީވުޑްގެ އެންމެ އަގު ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ އެކްޝަން ތުރިލާ "ކިންގް" އެވެ. މި މަހުގެ 2 ގައި ފާހަގަކުރި ޝާހްރުކްގެ 60 ވަނަ އުފަން ދުވަހު އޭގެ ޓީޒާއެއް ދައްކާލާފައިވެ އެވެ.

"ކިންގް" ގެ ޑައިރެކްޓަރަކީ ޝާހްރުކްގެ 2023 ގެ "ޕަތާން" ވެސް ގެނެސްދިން ސިދާތު އާނަންދެވެ.