ވޭޕްއާ ގުޅޭ މައްސަލަތަކުގައި، މިދިޔަ މަހު އެއްލައްކަ ރުފިޔާއަށްވުރެ ގިނަ އަދަދަކަށް ޖޫރިމަނާކޮށްފައިވާ ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިދިޔަ މަހު ވޭޕާއި ގުޅޭ ތަފާތު 13 މައްސަލައެއްގައި 35 މީހަކު ޖޫރިމަނާކުރީ 226،000ރ. އިން ކަމަށެވެ.
އެގޮތުން ވޭޕް ގެންގުޅުނު 15 މީހުން 97،000ރ. އިން ޖޫރިމަނާ ކުރިއިރު، ވޭޕް ބޭނުންކުރި 19 މީހުން 104،000ރ. އިން ޖޫރިމަނާކުރި ކަމަށް ފުލުހުން ބުންޏެވެ.
ވޭޕް ބޭނުން ކުރުމުން ނުވަތަ އޭގެ ވިޔަފާރި ކުރުމުން ކުރާ ޖޫރިމަނާގެ ތަފުސީލު ފުލުހުން ފޮނުވަނީ މެސެޖެއްގެ ގޮތުގައި އެ މީހެއްގެ ފޯނަށެވެ. އަދި ވާރުޕޭ މެދުވެރިކޮށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކު 5،000ރ. ގެ ޖޫރިމަނާ ކުރާނެ އެވެ.
މީގެއިތުރުން ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.
މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އިރު، އެތެރެކުރި ކޮންމެ އީ-ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.