Last Updated: July 5, 04:20
Sunday, July 5, 2026
ޚަބަރު

އެކި ދާއިރާތަކުން ގަތަރާއެކު މަޝްވަރާކޮށްފި

ޤަޠަރުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް، އަދި ކެބިނެޓު މެންބަރު، ސުލްޠާން ބިން ސާދް ބިން ސުލްޠާން އަލްމުރައިޚީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ފާއިތުވެދިޔަ އަހަރުތަކުގައި ޤަޠަރުގެ ސަރުކާރުގެ ދީލަތި އެހީއާއެކު ރާއްޖެއަށް އައިސްފައިވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުންތައް ފާހަގަކުރައްވައި، އެކަމުގެ އަގުވަޒަންކުރައްވާފަ އެވެ.

ޤަޠަރުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ ވާހަކަފުޅުގައި ވަނީ، މިދަތުރުފުޅުގައި އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފުދަށް ވިދާޅުވި ހޫނު މަރުޙަބާ އާއި އަދާކުރެއްވި މެހުމާންދާރީއަށްޓަކައި، ރައީސް މުއިއްޒަށާއި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖެ އާއި ޤަޠަރާ ދެމެދުގައިވާ އަޚުވަންތަކަމުގެ ގުޅުމަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވަމުން ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ވަނީ، ތަރައްޤީއަށް މަސައްކަތްކުރުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގެ ގޮތުން ހުރި އިތުރު ފުރުޞަތުތައް ދެނެގަތުމަށް، ޤަޠަރުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނޭ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

ދެ ޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތައް ކަމުގައިވާ، ހަކަތަ އާއި، ތަޢުލީމާއި، ވުނަކުރުމާއި، ޘަޤާފަތާއި، ސިއްޙީ ފަރުވާ ފަދަ ދާއިރާތަކުން، އެއް ޤައުމުން އަނެއް ޤައުމަށް ދޭ އެއްބާރުލުން އިތުރުކުރުމުގެ މައްޗައްވެސް މިއަދުގެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެ އެވެ.