Last Updated: July 5, 04:20
Sunday, July 5, 2026
ޚަބަރު

އައްޑޫ ބްރިޖުގެ މަސައްކަތް ނުހިނގާނެ، ފައިސާއެއް ނެތް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީއެންއެފް

އައްޑޫ ސިޓީ ހުޅުދޫ އާއި ހިތަދޫއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ނުހިނގާނެ ކަމަށާއި އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ސަރުކާރުގައި ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ހުޅުދޫ އާއި ހިތަދުއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް ސަރުކާރުން ދާދިފަހުން ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓީވައި ލިން އިންޓަނޭޝަލްއާ ހަވާލުކޮށްފަ އެވެ. މި ބްރިޖުގެ މަސައްކަތް އަންނަ އަހަރު ފެށުމަކީ އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާއި ގުޅޭގޮތުން ޕީއެންއެފްގެ ފްރޮންޓު އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ބަޖެޓުގެ ތެރެއިން 40 ބިލިއަން ރުފިޔާ އަކީ ދައުލަތް ހިންގުމުގެ ހަރަދު ކަމަށާއި އަދި ބަޖެޓުގައި މަޝްރޫއުތަކަށް ހިނގާނެ ކަމަށް ލަފާކޮށް ޖަހާފައިވާ 9.3 ބިލިއަން ރުފިޔާއަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ޖަހާފައިވާ އަދަދެއް ނޫން ކަމަށެވެ.

އަންނަ އަހަރު އެއްވެސް ބޮޑު މަޝްރޫއެއް ނުހިނގާނެ ކަމަށާއި އެކަން ފޫބެއްދުމަށް ބޮޑެތި އާއިލާތަކުގެ މީހުންނަށް ދޭން ވަޒީފާތައް އަންނަ އަހަރު އުފައްދާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"މިސާލަކަށް މީދޫ-ހިތަދޫގެ ބްރިޖު އަންނަ އަހަރަށް ލަސްކޮށްލީ. އެ ނުހިނގާނެ، އެއަކަށް ލާރިއެއް ނެތް. ދެން ތަންތަނުގައި ދައްކާ ބޮޑެތި މަޝްރޫއުތަކުގެ ވާހަކަ، ނުހިނގާނެ. ބިންގާ އެޅިދާނެ، އެއިން އެއްވެސް ކަމެއް ނުހިނގާނެ. އެއަކަށް ލާރިއެއް ނެތޭ. އަނެއްކާ އެ ލާރި ލިބޭނެ ގޮތެއް ނެތް،" ޔާމީން ވިދާޅުވި އެވެ.

އަންނަ އަހަރު ރާއްޖެއިން ބޭރުން އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ޖަހާފައިވަނީ 6 ނުވަތަ 8 ވަރަކަށް މިލިއަން ޑޮލަރު ކަމަށާއި އޭގެއިން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

އައްޑޫގައި އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުމީދު އާއި ހިތަދޫއާ އަޅަން މި ސަރުކާރުން ވައުދުވެފައިވާ ބްރިޖްގެ ކޮންސަލްޓަންސީ ކުރިން ހަވާލުކުރީ މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ، މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގަަ އެވެ.

ނަމަވެސް އެހެން ބަޔަކާ މަސައްކަތް ހަވާލު ކުރަން ޖެހުނީ ސާވޭ ނިންމައި، ކުންފުންޏަށް ޕްރޮޕޯސަލަކާ ހަމައަށް ގޮސް މަސައްކަތް ފެށޭވަރަށް މާލީ ކަންކަން ހަމަނުޖެއްސުމުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.