Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އަންނަ އަހަރުގެ 'ޑެސްޓިނޭޝަން ގައިޑް' ނެރެފި

ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އަންނަ 'ޑެސްޓިނޭޝަން ގައިޑް' ރަސްމީކޮށް ނެރެފިއެވެ.

މި ގައިޑު ނެރުނީ ލަންޑަންގައި މިހާރު ކުރިއަށް ޑަބްލިއުޓީއެމްގެ ތެރޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހިމާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ/އެމްޑީ އިބްރާހިމް ޝިއުރީގެ އިތުރުން އެ ކޯޕަރޭޝަންގެ ޗެއާޕާސަން ޢަބްދުﷲ ގިޔާސް ބައިވެރިވެވަޑައިގެންނެވި އެވެ.

އަންނަ އަހަރުގެ 'ޑެސްޓިނޭޝަން ގައިޑް' ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެން ހުރި މުޅިން އައު ތަޖުރިބާތަކާއި، ޓޫރިސްޓުންނަށް ހާއްޞަ ޓޫރިޒަމް އިންތިޒާމުތަކުގެ އިތުރުން، ރާއްޖޭގެ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ލައިވްބޯޑުތަކުގައި ހުރުމުގެ އެކިއެކި އިންތިޒާމުތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ހިމަނާފައިވެ އެވެ. މި ގައިޑަކީ، ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ޓޫރިސްޓުންނާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ފޯރުކޮށް ދޭނެ ވަސީލަތެކެވެ.

މި ގައިޑު ނެރުމުގެ މައިގަނޑު މަޤްޞަދަކީ ރީތިކަމާއި، މުއްސަނދި ސަގާފަތާއި، ލިބެންހުރި ހުރިހާ ޚިދުމަތްތަކެއްގެ މައްޗަށް އަލިއަޅުވާލުމެވެ. މީގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް އިތުރަށް ހަރުދަނާވެ، ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރުމަށް ބާރުއެޅޭނެ ކަމަށް މިނިސްޓަރު ޠާރިޤް ވިދާޅުވިއެވެ.