Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އިތުރު 3 ރަށެއްގައި އިސްލާމީ މަރުކަޒު އަޅަނީ

ތިނަދޫގައި ހަދާފައިވާ އިސްލާމީ މަރުކަޒު.

އިތުރު ތިން ރަށެއްގައި އިސްލާމީ މަރުކަޒު އަޅަން ހަވާލުކޮށްފި އެވެ.

އެ ތިން ރަށަކީ ކުޅުދުއްފުއްޓާއި، ހއ. އުތީމުގެ އިތުރުން ނ. ހޮޅުދު އެވެ.

މި ރަށްރަކުގައި އިސްލާމީ މަރުކަޒު އަޅަން ހަވާލުކުރީ ސަަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއް އަމިއްލަ ކުންފުނިތަކާ ހަވާލު ކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރާއްޖޭގެ އުތުރުގެ ސިޓީގެ ގޮތުގައި އޮތް ކުޅުދުއްފުށީ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ އެވެ. ހޮޅުދު އާއި އުތީމުގެއިސްލާމީ މަރުކަޒުގެ އަޅަން ހަވާލުކުރީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫއުތަކަކީ 30 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މި އިސްލާމީ މަރުކަޒުތަކުގައި ނަމާދު ކުރާ ބައިގެ އިތުރުން ޒަމާނީ ކްލާސްރޫމާއި އިސްލާމީ ލައިބްރަރީ އާއި، ކޮންފަރެންސް ހޯލާއި އޮފީސް ބައި ހިމެނޭނެ އެވެ.

މިހާރު ރާއްޖޭގެ ބައެެއް ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ބިނާކޮށްފައިވާ އިރު، އެފަދަ ބައެއް މަޝްރޫތައް ބައެެއް ރަށްރަށުގައި އަންނަނީ ހިންގަމުންނެވެ.

އިސްލާމީ މަރުކަޒެއް އެންމެ ފުރަތަމަ ބިނާކުރީ މާލޭގަ އެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ސަރުކާރުން އަންނަނީ މިސްކިތްތައް ވެސް ބިނާކުރަމުންނެވެ. އެގޮތުން އިއްޔެ 8 ރަށެއްގައި މިސްކިތްތައް އަޅަން ވެސް ހަވާލުކޮށްފައިވެ އެެވެ. އެ ރަށްތަކަކީ ށ. ބިލެތްފަހި، ބ. ކަމަދޫ، ބ. ފެހެންދޫ، ބ. ފުޅަދޫ، ކ. ދިށްފުށި، އއ. ރަސްދޫ، ދ. ދަނބިދޫ އަދި ވައިކަރަދު އެވެ.

މީގެ އިތުރުން ރަށްރަށުގައި ވަގްފް އިމާރާތްތައް އަޅަން ވެސް އަންނަނީ ހަވާލު ކުރަމުންނެވެ. އެގޮތުން ވަގްފް ތިން ރަށެއްގައި އިމާރާތް ވެސް އިއްޔެ ހަވާލުކުރި އެވެ. އެއީ ކުޅުދުއްފުއްޓާއި ތިނަދޫ ސިޓީގެ އިތުރުން ގއ. ވިލިގިއްޔެވެ.