Last Updated: July 5, 08:20
Sunday, July 5, 2026
ޚަބަރު

ހިތަދޫ ފިށިމަތި ސަރަހައްދު ހިއްކުމާ ނަޝީދު ދެކޮޅު

ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ ސިޓީ ހިތަދޫ ފިށިމަތި ސަރަހައްދު ނުހިއްކާ ފަރުނުޖެހިގެން އުޅެންވީ ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ ސަރަހައްދު ހިއްކައިގެން މަގު ހަދަން ސަރުކާރުން ނިންމާފައިވާއިރު، މިއީ އެ ސަރަހައްދުން ނުބައި ވަސްދުވުން ފަދަ މައްސަލަތައް ހައްލުކުރަން ހިތަދޫގެ ބައެއް ރައްޔިތުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ހިންގާ މަޝްރޫއެކެވެ. ނަމަވެސް މި މަޝްރޫއު ހުއްޓާލުމަށް އެދި އައްޑޫގައި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ "ތިމާވެށި ޕްރޮޖެކްޓް" ނަމަކަށް ކިޔާ ޖަމިއްޔާއަކުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވާފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ފިށިމަތި ސަރަހައްދަކީ ކުދި މަހާއި ކަކުނި އަދި ޑިނގާފަދަ ދިރުންތަކުގެ ނާސަރީއެއް ކަމަށެވެ.

"މަގެއް މިހާރު ވެސް އޮތް ހިސާބެއްގައި ފިށިމަތި ހިއްކާނުލާ ފަރުނުޖެހިގެން އުޅެންވީ ސަބަބެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ވެށި ހަލާކުރުމަކީ ހަމަ އެންމެ ރަނގަޅުކަމެއް ކަމަށް ދެކުމަކީ ގޯހެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒަށް ފޮނުއްވި ސިޓީގައި ވަނީ ފިށިމަތި ސަރަހައްދަކީ އައްޑޫގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ތަން ކަމަށްވާ ނޭޗާ ޕާކާ ވަރަށް ކައިރީގައި އަދި އެ ސަރަހައްދުގެ "ބަފާ ޒޯނެއް"ގެ ގޮތުގައި އޮތް ތަނެއް ކަމަށާއި އެހެންވެ އެތަން ހިއްކުމާ ސްޓޭކްހޯލްޑަރުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެފަ އެވެ.

އަދި މި މަޝްރޫއުގެ ސަބަބުން ގަވައިދާ ހިލާފަށް ކުނި ނައްތާލުމާއި ތަން ތަގައްޔަރުވުމަކީ މާ ގާތް ކަމެއް ކަމަށްވެސް އެ ސިޓީގައިވެ އެވެ.