އައްޑޫ ސިޓީ އަށް މާނަވީ އިޤްތިޞާދީ ތަރައްޤީއެއްގެ ބޭނުން ޖެހިފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެތައް އަހަރުތަކެއް ވަންދެން، މި ސިޓީގެ ރައްޔިތުން އިންތިޒާރު ކުރަމުން އަންނަނީ ވަޒީފާގެ ފުރުޞަތުތައް ފުޅާވެ، އިންވެސްޓްމަންޓްތައް އިތުރުވެ، ރާއްޖޭގެ އެންމެ ދެކުނުގައި ހިމެނޭ މި ސިޓީއަށް ފާގަތިކަން ގެނެސްދޭނެ އިޤްތިޞާދީ ކުރިއެރުމަކަށެވެ.
ދުނިޔޭގެ ތަރައްޤީވެފައިވާ ކޮންމެ ޤައުމެއްގައި ވެސް، ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަކަށް މަގުފަހިކޮށް ދީފައި ވަނީ އަމިއްލަ ފަރާތްތަކާއެކު ޤާއިމު ކުރެވޭ ހަރުދަނާ ވިޔަފާރީގެ ގުޅުންތަކެވެ. އައްޑޫ ސިޓީ އަކީ ވެސް މި ޙަގީގަތުން އިސްތިސްނާ ވާނެ ތަނެއް ނޫނެވެ.
ގައުކެނޑި ލޯންގް ބީޗަކީ އައްޑޫ ސިޓީއަށް ލިބިފައިވާ އެންމެ އިސްތިރާޓީޖިކް މުދަލުގެ ތެރެއިން ޚާއްޞަ މަޤާމެއް ޙާޞިލްކޮށްފައިވާ ތަނެކެވެ. މި ސަރަޙައްދަކީ ރައްޔިތުންގެ ދުރުވިސްނުމާއި ހިތްވަރުގެ ނަތީޖާއެއްގެ ގޮތުން ވުޖޫދަށް ގެނެވުނު އިންސާނީ އިޖާދުގެ ނަމޫނާއެކެވެ.
ޓޫރިޒަމް ތަރައްޤީކުރުމަށް ގިނަގުނަ ކުދި ރަށްތައް ލިބިފައިވާ ދިވެހިރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކާ ޚިލާފަށް، އައްޑޫގެ ޤުދުރަތީ މަޙްދޫދިއްޔަތުގެ ސަބަބުން، އައްޑޫގެ ރައްޔިތުން ކުރީގެ ސަރުކާރަށް އިލްތިމާސްކުރީ މި ސިޓީއަށް އިޤްތިޞާދީ ކުރިއެރުމެއް ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ. އެހެންކަމުން، އޭރުގެ ސަރުކާރުން ރައްޔިތުންގެ އެދުންތަކަށް އިޖާބަދީ، ގައުކެނޑި ލޯންގް ބީޗް ތަރައްޤީކޮށް ދެއްވާފައި ވަނީ އައްޑޫގެ ރައްޔިތުން ދިގު މުއްދަތަކަށް އިންތިޒާރު ކުރަމުން ދިޔަ ފަތުރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދެއްގެ ބިންގަލެއްގެ ގޮތުގަ އެވެ.
ނަމަވެސް، މި މަޝްރޫޢާއެކު ރައްޔިތުން ކުރަމުން ދިޔަ ފޮނި އުންމީދުތައް ކުއްލިއަކަށް ނިމުމަކަށް އައިސްފައިވާކަން ފާހަގަކުރެވެ އެވެ. އައު ސަރުކާރުން މި ބީޗް ޙަވާލުކޮށްފައި ވަނީ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތަކުގެ ތާރީޚެއް އޮތް ނާކާމިޔާބު ކުންފުންޏަކަށެވެ.
އައްޑޫ ސިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މި ބިން ސަރުކާރުން އެފަދަ ކުންފުންޏަކާ ޙަވާލުކޮށްފައި ވަނީ އަވަސް އަރުވާލައިގެން ސަރުކާރުގެ ނުފޫޒުގެ ދަށުގައިވާ މަޖިލީހުގެ ނިންމުމަކުން ޤާނޫނުތަކަށް ބަދަލުގެނެސްގެންނެވެ. މިއީ ރައްޔިތުންގެ އުންމީދުތަކަށް ސަރުކާރުން ކުރިމަތިކުރުވި ބޮޑު ގޮންޖެހުމެކެވެ. މި ނިންމުމުގެ ސަބަބުން ސިޓީގެ ޓޫރިޒަމްގެ ފުރުޞަތުތައް ހަނިވުމުގެ ބިރު އޮތުމުގެ އިތުރުން، ޢާންމު ވަސީލަތްތައް ބެލެހެއްޓުމުގައި ސަރުކާރުން ގެންގުޅުއްވާ ހާމަކަމާއި އިންޞާފުވެރިކަމާމެދު ސީރިއަސް ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.
މިއީ އައްޑޫ ސިޓީގެ ތަރައްޤީ އާއި އިޤްތިޞާދީ ކުރިއެރުމަށް ހުރަސްއެޅުނު ނިންމުމެކެވެ. އައްޑޫގެ ގެސްޓްހައުސް ވިޔަފާރިތަކަށް ބޭނުންވާ ލޯނު ގެރެންޓީތަކަށް ދިނުމަށް ވަޢުދުވެފައިވާ ސޮވްރިން ގެރެންޓީ ސަރުކާރުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. މިއީ އެ ސަރަޙައްދުގެ ލޯކަލް އާންޓަޕްރިނަރުންނަށް ބާރުވެރިކަން ދީ، އިޤްތިޞާދީ މަޝްހަދު ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ދިމާވި ބޮޑު ގޮންޖެހުމެކެވެ.
މިފަދަ ނިންމުންތަކުން ދައްކުވައިދެނީ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ސަރުކާރާ ދެމެދު އިތުރުވަމުންދާ ފަރަގެވެ. ތަރައްޤީއަކީ އެކުލެވޭ، ހާމަކަން ބޮޑު، އަދި މުޅި މުޖުތަމަޢުގެ ފެންވަރު މަތިކުރުމަށް ފަރުމާކުރެވިފައިވާ ޕްރޮސެސްއަކަށް ވާންޖެހެއެވެ. އެއީ އެއްގޮތަކަށްވެސް ގިނަ މީހުންގެ މަޞްލަޙަތު ޤުރުބާންކޮށް މަދު ބަޔަކަށް އިސްކަން ދިނުމެއް ނޫނެވެ.
އައްޑޫ ސިޓީ އަށް މިއަށްވުރެ މަތިވެރި ކުރިމަގެއް ޙައްޤުވެގެންވެއެވެ. އެ ސިޓީގެ ރައްޔިތުންގެ ކިބައިގައި ވިޝަން، ހިތްވަރު، ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމުގެ ޤާބިލުކަން އެކުލެވިގެންވެއެވެ. އެހެންނަމަވެސް، އެކަށީގެންވާ ފުރުޞަތު ލިބިއްޖެނަމައެވެ. އެހެންކަމުން، ޢަދުލުވެރިކަމާއި، އިންޞާފުވެރިކަމާއި، އަދި މަޝްވަރާގެ އުޞޫލުން ކަންކަން ނިންމުމަށް ސަރުކާރަށް ގޮވާލަމެވެ. ގައުކެނޑި ލޯންގް ބީޗް އެމްޓީޑީސީ އަށް ދެއްވަން ނިންމެވި ނިންމެވުން އަނބުރައި ގެންދަވާށެވެ. އައްޑޫގެ
އިޤްތިޞާދީ އުއްމީދުގެ ދިއްލިފައިވާ ކުޑަކުޑަ ހުޅުކޮޅު އަނެއްކާ ވެސް ނިވިގެން ދިއުމުގެ ކުރިންނެވެ.
އައްޑޫގެ މުސްތަޤްބަލް ބިނާވާން ވާނީ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް އިޖާބަދޭ، ސަރަޙައްދުގެ ޤުދުރަތީ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރާ، އަދި ދެމެހެއްޓެނިވި ތަރައްޤީގެ މަބްދައުތަކަށް އިޙްތިރާމްކުރާ ސިޔާސަތުތަކުގެ މައްޗަށެވެ. ސަރުކާރުން އިސްކަން ދޭން ޖެހޭނީ ޝައްފާފު، ހަމަހަމަ އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށް ދިނުމަށެވެ. މިކަމުގެ ސަބަބުން އައްޑޫ ސިޓީ އަށް އޭގެ ފުރިހަމަ ތަރައްޤީގެ ފުރުޞަތު ހޯދައި ދިނުމަށް މަގުފަހިވެގެން ދާނެ އެވެ.
ނޯޓް: މިއީ އަބްދުﷲ ރަޝީދު (މޫނިމާ) ގެ ލިޔުމެކެވެ.