Last Updated: July 5, 08:20
Sunday, July 5, 2026
ޚަބަރު

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިފި

"ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ގދ.ތިނަދޫ ސިޓީގައި މިއަދު ހުޅުވައިފި އެވެ.

ތިނެއް ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި އެންމެ ފުރަތަމަ ޝަހީދުވި، ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރުގެ އުފަން ރަށް ކަމުގައިވާ ތިނަދޫ ސިޓީގައި ބާއްވާ މި މައުރަޒު ހުޅުވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.

އާންމުކޮށް ހުޅުވާލައިގެން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މި މަޢުރަޒު ޚާއްޞަކޮށްފައިވަނީ 1988 ނޮވެންބަރު 3ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށެވެ. މި މައުރަޒަށް އަންނަ ފަރާތްތަކަށް، ދިވެހިރާއްޖެއަށް އެ ދުވަހުގެ ޢުދުވާނު ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތަކުގެ ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެހެން އެ ދުވަހުގެ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ވަނީ ހިމަނާފަ އެވެ. އަދި، ދިވެހި ސިފައިންނާއި ދިވެހިން ވީ ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު، މި މައުރަޒުން ތަޞައްވުރުކޮށްލެވޭނެ އެވެ.

މި މައުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިއަދާއި މާދަމާގެ ނިޔަލަށެވެ. މި މައުރަޒު މިރޭ 20:00އިން 22:00އަށް ހުޅުވިފައި ހުންނާއިރު، މާދަމާ މައުރަޒު ހުޅުވިފައި ހުންނާނީ ހެނދުނު 9:00އިން 12:00އަށް، މެންދުރުފަހު 14:00އިން 18:00އަށް، އަދި ރޭގަނޑު 20:00އިން 22:00 އަށެވެ.

މި މައުރަޒު ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ޙިލްމީއާއި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީއާއި، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދުއާއި، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަޙްމަދު އަޝްރަފާއި، ނޮވެންބަރު ތިނެއްގެ ހާދިސާގައި ސިފައިންގެއިން ބޭރަށް ނިކުތުމަށް ދިޔަ 11 މީހުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޢަބްދުﷲ ނަސީމް (ތިނަދޫ ނަސީމް)އާއި، ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްބޭފުޅުންނާއި، ތިނަދޫ ސިޓީގެ ބައެއް މުއައްސަސާތަކާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ބައިވެރިވެލެއްވި އެވެ.

ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ މަޢުރަޒުގެ އިތުރުން، މާދަމާ ހަަވީރު 16:00ގައި، ތިނަދޫ ސިޓީ ސްޓޭޑިއަމުގައި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި ޢާއިލީ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.