Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ވިޔަފާރި ހުއްޓުވުމުން ލިބުނު ގެއްލުން 300 މިލިއަނަށް އަރާ

އަމިއްލަ ކުންފުނި ކިންގްސް ކެޕިޓަލް ހޯލްޑިންގެ ފޮރެކްސް ޓްރޭޑިން ހުއްޓުވައިލުމުން ލިބުނު ގެއްލުން 300 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ކަމަށާއި ބަދަލު ވެސް ލިބެން ޖެހޭ ކަމަށް އަލްފާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަައްޑީ ފޭދޫގެ ކުރީގެ މަޖިލިސް މެންބަރާއި އަޭނަގެ ކޮއްކޮއަކު ހިއްސާވެގެން ހިންގި "ޕޮންޒީ ސްކީމެއް" ގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް ގެއްލުންވި މައްސަލައިގައި އެ މީހުންގެ މައްޗަށް ޓެކުމުގެ ކުށުގެ 13 ދައުވާއެއް ނޮވެންބަރު 23، 2023 ގައި އު ފުލުފި އެވެ.

އެ ދައުވާކުރީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.

ނަމަވެސް، އަލްހާނާއި އޭނަގެ ކޮއްކޮއިން ކަމަށްވާ ޝަހުބާން ފަހުމީ އާއިޝަޒްބާން ފަހުމޫގެ މައްޗަށް ކުރި ދައިވާ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން މިދިޔަ މަހު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ޕީޖީ އޮފީހުން ބުނީ އެގޮތަށް ނިންމީ ދައުވާތައް ކޯޓުގައި ހިނގަމުން ދަނިކޮށް، ދައުވާ ލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތު ކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެން ޖެހޭ 13 ފަރާތަށް ބަދަލުދީ ހަލާސްކޮށްފައިވާ ކަމަށް ބަޔާންކޮށް، ދައުވާތައް މުރާޖައާކޮށް ދިނުމަށް ތިން ބެއިންގެ ފަރާތުން އެދިފައިވާތީ ކަމަށެވެ.

އެހެންވެ އެކަމާ ގުޅިގެން ފުލުހުން ހިދުމަތް މެދުވެރިކޮށް މައުލޫމާތު ސާފުކުރި އިރު، އެ މައްސަލައިގައި ބަދަލު ލިބޭން ޖެހޭ މީހުންނަށް ބަދަލު ލިބިފައިވާކަން ކަށަވަރުވެފައިވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެހެންވެ މިކަމާ ގުޅިގެން އަލްހާން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އޭނަގެ ކުންފުނިން ހިންގި އޮންލައިން ފޮރެކްސް ޓްރޭޑިންގެ މަސައްކަތާއި ވިޔަފާރި ހުއްޓުވުމުން ލިބުނު ގެއްލުން 300 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

"އޮންލައިން ފޮރެކްސް ޓްރޭޑިންގެ މަސައްކަތާއި ވިޔަފާރި ،ބޭންކް އޮފް މޯލްޑިވްސް އާއި ދައުލަަތުގެ ބަައެއް މުއައްސަސާތަކުން ޤާނޫނީ އިމުން ބޭރުން ހުއްޓުވުމުން ލިބުނު ގެއްލުން 300 މިލިއަނަކަށް ވުރެ ބޮޑު،" އޭނަ ވިދާޅުވި އެވެ. "‏ބަދަލު [ވެސް] ލިބެން ޖެހޭނެ."