މި މަހުގެ ފުރަތަމަ ދުވަހު ޝޫޓިން ފެށި ކާތިކް އާރިއަންގެ ކްރީޗާ ކޮމެޑީ "ނާގްޒިއްލާ" ގެ ބަތަލާގެ ރޯލުން ޕްރަތިބާ ރަތުނާ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވ.
މީޑް-ޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ރިލީޒްކުރި "ލާޕަތާ ލޭޑީސް" އިން ބޮލީވުޑަށް ތައާރަފުވި 24 އަހަރުގެ ބަތަލާ ފިލްމަށް ގެންނަން ހުށަހަޅައި މިހާރު މަޝްވަރާތައް ދަނީ ކުރިއަށެވެ. އެހެންވެ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ "ނާގްޒިއްލާ" ގެ ބަތަލާ އަކީ ކާކުކަން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބުންޏެވެ.
"ލާޕަތާ ލޭޑީސް" ގައި ކުޅުނު ރޯލުން މި އަހަރު ފިލްމުފެއާގެ މޮޅު އާ ބަތަލާގެ އެވޯޑް ވެސް ހޯދި ޕްރަތިބާ އަށް ކާތިކްގެ ފިލްމު އޮފާ ކުރުމުގެ ކުރިން އޭގެ ބަތަލާއަކަށް ސާނިއާ މަލްއުތުރާ ގެނައުމާ ގުޅޭ ގޮތުން ވެސް ފިލްމުގެ ޓީމުގެ މެދުގައި މަޝްވަރާތަކެއް ކުރެވުނު ކަމަށް މިޑް-ޑޭ އިން ބުންޏެވެ.
ސާނިއާގެ އެންމެ ފަހުގެ ފިލްމަކީ ދަރުމާ އިން މިދިޔަ މަހި ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އެވެ.
މިހާރު ވަރަށް ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ސަމާލުކަން ވެސް ބޮޑަށް ލިބިފައިވާ ޕްރަތިބާ ދާދި ފަހުން އެހެން ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ނިންމާފައިވެ އެވެ. އެކަމަކު އެއާ ގުޅޭ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
ކުރިމަގު ވަރަށް އުޖާލާ ބައެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޕްރަތިބާގެ ކުރިއަށް ހުރި ޕްރޮޖެކްޓަތަކުގެ ތެރޭގައި ޑައިރެކްޓަރު ނިކިލް އަދުވާނީ އަންނަ އަހަރުގެ ކުރީކޮޅު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދޭން ހަމަޖެހިފައިވާ ސީރީޒް "ދަ ރިވޮލިއުޝަނަރީޒް" ހިމެނެ އެވެ.
ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 2023 ގައި ނެޓްފްލިކްސް އަށް ގެނެސްދިން ސީރީޒް "ހީރާމަންޑީ" ގެ ރޯލެއް ވެސް ޕްރަތިބާ ކުޅެފައިވެ އެވެ.
އޭނަ އަށް ހުށަހެޅި "ނާހްޒިއްލާ" އަކީ މިރްދީޕް ސިންގް ލާމްބާ ޑައިރެކްޓްކުރާ ފިލްމެކެވެ. ބެލުންތެރިންނަށް މި ގެނެސްދޭނީ އަންނަ އަހަރުގެ އޮގަސްޓް 14 ގަ އެވެ.