އަންނަ ހުކުރު ދުވަހުގެ ރޭ ޕީއެންސީން މާލޭގައި ބާއްވަން ހަމަޖެހިފައިވާ ޖަލްސާ އަށް ފެނަކަ ކޯޕަރޭޝަންގެ އަތޮޅުތެރޭގެ ބްރާންޗްތަކުގެ ވެރިން މާލެ ގެންދަން ނިންމައިފި އެވެ.
އެ މީހުން މާލެ ގެންދަނީ މި މަހުގެ 13-14 ގައި މުވައްޒަފުންނަށް ހާއްސަކޮށްގެން ބާއްވާ ޓްރެއިނިންއެއްގެ ނަމުގަ އެވެ. އެގޮތުން ފެނަކަ އިން ބުރާސްފަތީގައި ނެރުނު އިންޓާނަލް މެމޯއެއްގައި ބުނީ އެ ކުންފުނީގެ ބްރާންޗްތަކާ ހަވާލުވެގެން ތިބި މުވައްޒަފުންނަށް އަމާޒުކޮށްގެން އަންނަ ބުރާސްފައްޗާއި ހުކުރު ދުވަހުގެ ނިޔަަލަށް މާލޭގައި މަހާސިންތާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
އެހެންވެ އޭގައި ބައިވެރިވާން އަންނަން އަންގާފައިވެ އެވެ.
ނަމަވެސް ޓްރެއިނިންއެއްގެ ނަމުގައި ފެނަކައިގެ އަތޮޅުތަކުގެ ބްރާންޗްތަކުގެ ވެރިން މާލެ ގެންދަނީ 14 ވަނަ ދުވަހުގެ ރޭ ބާއްވާ ޖަލްސާއާ ދިމާކޮށްކަން ފާހަގަކޮށްލެވެ އެވެ. އަދި ޖަލްސާގައި ބޯ ގިނަކަން ދައްކުވައި ދޭން ކުރާ ކަމެއް ކަމަށް ބުނެ އިދިކޮޅު މީހުން އަންނަނީ ފާޑު ކިޔަމުންނެވެ.
އަންނަ ހުކުރު ދުވަހުގެ ރޭ ޕީއެންސީގެ ހާއްސަ ޖަލްސާއެއް ބާއްވާނެކަން އެ ޕާޓީން ވަނީ މި މަހުގެ 3 ގައި ސޯޝަލް މިޑިއާގައި އިއުލާންކޮށްފަ އެވެ. އެ ޕޯސްޓްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވަޑައިގަންނަވާ އެ ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗްގައި ކަމަށެވެ.
ޕީއެންސީގެ ޖަލްސާއަކަށް މާލެ އަށް މީހުން ގެންދާ އިރު، މި މަހުގެ 17 ގައި މި ސަރުކާރަށް 2 އަހަރު ފުރޭ އިރު، އެ ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ.