ދިވެހިރާއްޖޭގައި ގެސްޓްހައުސް ޓޫރިޒަމް ތަޢާރަފުވުމާ އެކު، އަޅުގަނޑުމެންގެ ރަށްރަށަށް ލިބެމުންދާ އިޤްތިޞާދީ އަދި އިޖުތިމާޢީ ބަދަލުތަކަކީ ފުންކޮށް ވިސްނާލަންޖެހޭ ކަންކަމެވެ. މި ދާއިރާއިން ލިބޭ މަންފާތަކާއި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ޒިންމާދާރުކަމާއެކު މި ޞިނާޢަތް ކުރިއަރުވަން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.
ގެސްޓްހައުސް ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ ރަށްރަށަށް ލިބޭ އިޤްތިޞާދީ ކުރިއެރުމާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުވުމަކީ ފާހަގަކޮށްލެވޭ ކަންކަމެވެ. އެހެން ނަމަވެސް، ރަށްރަށުގެ އިޖުތިމާޢީ ވެށްޓަށް އަންނަ ބަދަލުތަކާއި، ދިވެހިންގެ އާދަކާދައާއި އިސްލާމީ އަގުތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަކީވެސް ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. ގެސްޓްހައުސް ޓޫރިޒަމްގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި، ރަށްރަށުގެ ޘަޤާފީ އަދި ތިމާވެށީގެ ޚާއްޞަކަން ހިމާޔަތްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ރާއްޖޭގެ ދުރު ރަށްތަކުގައި ގެސްޓްހައުސް އަދި ހޯމްސްޓޭ ފަތުރުވެރިކަން އިތުރުވަމުންދާއިރު، މި ތަރައްޤީގެ ޙަޤީޤީ މާނައާމެދު މުޖުތަމަޢުގެ ފަރާތުން ފުންކޮށް ވިސްނުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ. ޝައްކެއްނެތް ގޮތުގައި، ފަތުރުވެރިކަމަކީ އާމްދަނީ ހޯދުމުގެ އެންމެ ހަލުވި އަދި ފަސޭހަ ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތެވެ. ފާއިތުވި މަދު އަހަރުތަކަށް ބަލާއިރު، ފަތުރުވެރިކަން މިވަނީ ރާއްޖޭގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ ޞިނާޢަތަށް ބަދަލުވެފައެވެ.
މިއީ އަވަސް އާމްދަނީއާއި އިޤްތިޞާދީ ފުރުޞަތުތަކުގެ ވަޢުދު ފުއްދައިދޭ ދާއިރާއެއްކަން ކަށަވަރެވެ. އެހެންނަމަވެސް، އެކަށީގެންވާ ފަރުވާތެރިކަމެއް ނެތި ފަތުރުވެރިކަމަށް އަޅުގަނޑުމެންގެ މުޖުތަމަޢުތައް ހުޅުވާލައިފިނަމަ، އޭގެ ސަބަބުން އަޅުގަނޑުމެންގެ ޘަޤާފަތާއި، ދީނީ އަސްލުތަކާއި، ތިމާވެށްޓާއި އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ނޭދެވޭ އަސަރުތަކެއް ކޮށް، އެ ޤަދަރުވެރި އަގުތައް ގެއްލިގެން ހިނގައިދާނެއެވެ. މިއީ ޚާއްޞަކޮށް ޔޫރަޕާއި އެހެނިހެން ޤައުމުތަކުގެ ފަތުރުވެރިންނަށް ޚިދުމަތްދޭ ގެސްޓްހައުސްތަކުގެ ވިޔަފާރިއަށް އަޅުގަނޑުމެންގެ ރަށްތައް ހުޅުވާލާއިރު، ނުހަނު ފަރުވާތެރިވާންޖެހޭ އަސާސީ ސަބަބެވެ.
ވިދާހާ އެއްޗަކީ ރަން ނޫންކަމުގައި އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެއެވެ. ހަރުދަނާ ބެލެހެއްޓުމުގެ ނިޒާމެއް ނެތި ފަތުރުވެރިކަމަށް އަޅުގަނޑުމެންގެ މުޖުތަމަޢުތައް ހުޅުވާލައިފިނަމަ، އަޅުގަނޑުމެންގެ ރަށްތަކުގެ ޚާއްޞަ ދިރިއުޅުމުގެ ވައްޓަފާޅި މަޑުމަޑުން ނެތިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އެހެންކަމުން، އަޅުގަނޑުމެންގެ މުޖުތަމަޢުތައް ޙިމާޔަތްކުރުމަށްޓަކައި، އެންމެ އެކަށީގެންވާ ގޮތަކީ ވަކި ފަތުރުވެރިކަމުގެ ސަރަޙައްދުތަކެއް ކަނޑައެޅުމެވެ. މިފަދަ ސަރަޙައްދުތައް ވާން ޖެހޭނީ ރަށުގެ މައިގަނޑު އާބާދީއާ ދުރުގައި ހުންނަ ތަންތަނަށެވެ. މިފަދަ ރޭވުންތެރިކަމާއެކު އަޅުގަނޑުމެން ފަތުރުވެރިންނަށް މަރުޙަބާ ކިޔައިފިނަމަ، އަޅުގަނޑުމެންގެ އާދަކާދަތަކާއި، ދީނީ ޢަޤީދާއާއި، އަދި އިޖްތިމާޢީ އަގުތައް ރައްކާތެރިކޮށް ދެމެހެއްޓިގެންދާނެއެވެ.
މިއަދު ގިނަ ޒުވާނުން މާފުށި ދެކެނީ ކާމިޔާބީގެ ނަމޫނާއެއްގެ ގޮތުގައެވެ. އެ ރަށުގެ އަވަސް ތަރައްޤީއާއި ވިޔަފާރީގެ ޙަރަކާތްތައް ފާހަގަކޮށް، ޒުވާނުން އެތަން ބަލައިގަންނަނީ މިސާލެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ޙަޤީޤަތުގައި މާފުށްާފުށްޓަކީ ފަޚުރުވެރިވާންޖެހޭ ނަމޫނާއެއް ނޫނެވެ. އެރަށުގައި ހިނގާފައިވާ ކަންތައްތަކަކީ އިންޒާރެކެވެ، އިލްހާމެއް ނޫނެވެ. ދިވެހިރާއްޖެ އަށް ޚާއްޞަ ގިނަ ސިފަތައް މާފުށިން މިހާރު ވަނީ ނެތިގެންގޮސްފަ އެވެ.
އެރަށުގެ ޘަޤާފީ އަސްލުތަކާއި ދީނީ އަގުތައް ނިކަމެތިވެ، އަމާން ދިރިއުޅުމުގެ ވައްޓަފާޅި ވަނީ އަސާސީ ގޮތުން ބަދަލުވެފައެވެ. ދިގު މުއްދަތުގެ ޢިއްޒަތްތެރިކަމާއި ދެމެހެއްޓެނިވި ތަރިކަ، ކުރު މުއްދަތުގެ އިޤްތިޞާދީ ފައިދާއަށްޓަކައި ވަނީ ޤުރުބާންކުރެވިފައެވެ.
ބޭރުފުށުން ބަލާއިރު ކާމިޔާބީއެއްގެ ގޮތުގައި ފެނުނު ނަމަވެސް، ދުރު ރާސްތާގައި މިއީ އިޖްތިމާޢީ އަދި ޘަޤާފީ ކާރިސާއެކެވެ. އެއީ މާއްދީ މުއްސަނދިކަމަށްޓަކައި އަމިއްލަ އަގުތަކާއި އަސްލުތައް ވިއްކާލާފައިވާ، ފެއިލްވެފައިވާ ނިޒާމެއްގެ ހެއްކެވެ. އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ގެއްލިއްޖެ ނަމަ، އެއީ އެއްވެސް މިންވަރެއްގެ ފައިސާއަކަށް އަނބުރާ ގަނެވޭނެ އެއްޗެއް ނޫނެވެ.
އެހެންކަމުން، މި ހުރިހާ އިންޒާރުތަކާއެކު، އަޅުގަނޑުމެންގެ ރަށްތައް ފަތުރުވެރިކަމަށް ހުޅުވާލުމުގައި މި އެންމެހައި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.
އަޅުގަނޑުމެންގެ އިސްލާމީ އަގުތަކާއި، ދިވެހި ސަގާފަތާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، ޚާއްޞަކޮށް ދިވެހިންގެ އަސްލު ދިރިއުޅުމުގެ ވައްޓަފާޅި ހިމާޔަތްކުރުމަކީ އިސްކަންދޭންޖެހޭ ކަންކަމެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ކާމިޔާބީއެއް ޙާޞިލު ކުރެވޭނީ މި އަސާސްތަކަށް ފުރިހަމައަށް ރިޢާޔަތްކޮށްގެން ކުރިއަށް ދެވިއްޖެ ނަމަ އެވެ.
ނޯޓް: މިއީ އަބްދުﷲ ރަޝީދު (މޫނިމާ) ގެ ލިޔުމެކެވެ.