Last Updated: June 7, 22:00
Monday, June 8, 2026
މުނިފޫހިފިލުވުން

'ކިންގް' އަކީ ޝާހްރުކްގެ އެންމެ އަގުބޮޑު ފިލްމު

ބޮލީވުޑްގެ ތަރި، ޝާހްރުކް ޚާން މިހާރު ކުޅެމުން އަންނަ ފިލްމު "ކިންގް" އަކީ އޭނަގެ ކެރިއަރުގެ އެންމެ އަގުބޮޑު ފިލްމު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމުގެ ބަޖެޓަކީ 350 ކްރޯޑް ރުޕީސް (39.5 މިލިއަން ޑޮލަރު) އެވެ.

ބޮޑު ކާސްޓެއް ވެސް ހިމެނޭ "ކިންގް" އަކީ ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓާއި މީގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ މާފްލިކްސް ފިކްޗާސް ގުޅިގެން ހަދާ ފިލްމެކެވެ.

މިހާތަނަށް އެންމެ ބޮޑު ބަޖެޓަކުން ހެދި ޝާހްރުކްގެ ފިލްމަކީ 2023 ގެ "ޖަވާން" އެވެ. ތަމަޅަ ޑައިރެކްޓަރު އެޓްލީ ހެދި އެ ފިލްމުގެ ބަޖެޓަކީ 300 ކްރޯޑް ރުޕީސް (34 މިލިއަން ޑޮލަރު) އެވެ.

އިންޑިއާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވެސް ޝޫޓްކުރާ "ކިންގް" އަކީ އެކްޝަން ތުރިލާއެކެވެ. މި ފިލްމުގެ ކާސްޓްގައި ޝާހްރުކްގެ ދަރިފުޅު، ސުހާނާ ޚާނާއި ދީޕިކާ ޕަދްކޯން އާއި އަބީޝެކް ބައްޗަނާއި ރާނީ މުކަރްޖީ އާއި އަނިލް ކަޕޫރާއި އަރުޝަދު ވަރްސީ އާއި ޖެކީ ޝްރޮފާއި ޖައިދީޕް އަހުލުވާތާއި ސޯރަބް ޝުކްލާ އާއި ރާގަވް ޖުޔަލް އާއި އަބޭ ވަރުމާ އާއި އަކްޝޭ އޮބެރޯއީ އާއި ކަރަންވީރް މަލްއުތުރާ އަދި އަރްޖުން ދާސް ހިމެނެ އެވެ.

މި މަހުގެ 2 ގައި ފާހަގަކުރި ޝާހްރުކްގެ 60 ވަނަ އުފަން ދުވަހު "ކިންގް" ގެ ޓީޒާއެއް ދައްކާލާފައިވާ އިރު، ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.