ހުޅުދު އާއި މީދޫ މިހާރު ވަނީ ރަސްމީކޮށް އައްޑޫ ސިޓީން ވަކިވެފަ އެވެ. މި ވަކިވުމަކީ ހިތަދޫގެ ވެރިކަމުގެ ދަށުން ކުރަމުން ދިޔަ ނުޙައްޤު މުޢާމަލާތުތަކާއި، ހަމަހަމަކަން ނެތުމުގެ ޝަކުވާތަކުގެ ސަބަބުން، އެ ރަށްރަށުގެ ރައްޔިތުން ނިންމި ހިތްވަރު ގަދަ ނިންމުމެކެވެ.
"ވަކިވުމުގެ ޙަރަކާތް" ގެ ނަމުގައި ދިގު މުއްދަތެއް ވަންދެން ކުރެވުނު މަސައްކަތުގެ މައިގަނޑު އަމާޒަކީ މިނިވަންވުމުގެ ތެރެއިން އަމިއްލަ ތަރައްޤީއާއި މާލީ ކަންކަމުގައި އިތުރު އިޚްތިޔާރާއި ބާރުވެރިކަން ހޯދުމެވެ. މިހާރު މިވަނީ އެމީހުންނަށް އެ ފުރުޞަތު ލިބި، އެކަން ޢަމަލީގޮތުން ސާބިތުކޮށް ދިނުމުގެ ތާރީޚީ ވަގުތު ޖެހިފަ އެވެ.
އަމިއްލަ ބަޖެޓާއި އިދާރީ ބާރުތަކާއެކު، މި ދެ ރަށަށް މިހާރު އެބޭފުޅުންގެ އަމިއްލަ ޕްލޭންތައް ފަރުމާކޮށް ތަންފީޒުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ކެމްޕޭނުގެ ތެރޭގައި އަޅުގަނޑުމެންނަށް އަޑުއިވުނީ ވަރަށް ބޮޑެތި ވަޢުދުތަކެކެވެ. އޭގެތެރޭގައި، ޓްރާންސްޝިޕްމަންޓް ބަނދަރުތަކާއި، ޔުނިވަރސިޓީތަކާއި، ޚާއްޞަ ހޮސްޕިޓަލްތަކާއިއެކު ހުޅުދޫ "އަބޫދާބީއަކަށް އަދި މީދޫ "ދުބާއީއަކަށް" ބަދަލުކުރުމުގެ ވާހަކަތައް ވެސް ހިމެނެ އެވެ.
ފޭދޫގެ ރައްޔިތުން ނިންމީ އައްޑޫ ސިޓީގެ އޮނިގަނޑުގެ ތެރޭގައި ފޭދޫގެ ގޮތުގައި، ދެމިތިބޭށެވެ. އެހެން ނަމަވެސް، ހުޅުދު އާއި މީދޫ މި އައު އިންތިޒާމުގެ ދަށުން ޙަޤީޤަތުގައި ވެސް ކުރިއަރައިފި ނަމަ، އަޅުގަނޑުމެން ވެސް އަޅުގަނޑުމެންގެ ސްޓޭންޑާ މެދު އަލުން ވިސްނަން ޖެހިދާނެ އެވެ. ވަގުތު ހޭދަވެގެންދާ އިރު، ވަކިވުމަކީ ކުރިއެރުމަށް ލިބުނު މަގެއްތޯ ނުވަތަ އަނެއްކާ ވެސް ސިޔާސީ ހުވަފެނެއްތޯ ފެނިގެން ދާނެ އެވެ.
އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަން ޖެހޭ އެންމެ މުހިންމު ޙަޤީޤަތަކީ، މީދު އަކީ ދިވެހިރާއްޖޭގެ އެންމެ ތަޢުލީމީ އަދި ވިސްނުން ތޫނު ރައްޔިތުން ދިރިއުޅޭ މުޖުތަމަޢުތަކުގެ ތެރެއިން އެއް މުޖުތަމަޢުކަމެވެ. އަތޮޅަށް އެންމެ ފުރަތަމަ އިސްލާމް ދީން ތަޢާރަފުކޮށް، މުޅި ސަރަޙައްދާއި އަދި ސަރަޙައްދުން ބޭރުގައި ވެސް ތަޢުލީމު ފެތުރިގެން ދިޔައީ މީދޫ ރައްޔިތުންގެ ހިތްވަރާއި ދުރުވިސްނުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މިފަދަ ހަރުދަނާ ތަޢުލީމީ ބިންގަލެއް މީދޫގައި އޮތުމުގެ ސަބަބުން، ކުރު މުއްދަތެއްގެ ތެރޭގައި ދުބާއީގެ ފެންވަރުގެ ތަރައްޤީއެއް ޙާޞިލުކުރުމުގެ ޤާބިލުކަން އެ މުޖުތަމަޢުގައި އެކުލެވިގެންވާނެކަމީ ޝައްކެއްނެތް ޙަޤީޤަތެކެވެ.
އަޅުގަނޑުމެން ފޭދު އަށް ނިސްބަތްވާ ރައްޔިތުންނަކީ، މީދޫގެ ރައްޔިތުންނާ އަޅާބަ ލާއިރު ޢިލްމީ ގޮތުން އަދިވެސް ކުރިއަށް ދާން ޖެހޭ ބައެއްކަން ފާހަގަކުރަމެވެ. މީދޫ ރައްޔިތުންގެ ވިސްނުންތެރި ޚިޔާލުތަކަށް އިޙްތިރާމްކުރާ ހާލު، ސިޓީ ކައުންސިލްގެ އޮނިގަނޑުން ވަކިވެ، މިނިވަން އަދި މުސްތަޤިއްލު ރަށު ކައުންސިލެއް އުފެއްދުމަށް ލިބުނު މި ރަނުގެ ފުރުޞަތުގެ އެންމެ އެދެވޭ ބޭނުން ހިފުމަށް އަޅުގަނޑުމެން ފަހަތަށް ޖެހުނީ މި ސަބަބައްޓަކަ އެވެ.
އެގޮތުން، އަޅުގަނޑުމެން ނިންމާފައި ވަނީ ސިޓީ ކައުންސިލްގެ އޮނިގަނޑުގެ ތެރޭގައި ދެމިތިބުމަށެވެ.
ނޯޓް: މިއީ އަބްދުﷲ ރަޝީދު (މޫނިމާ) ގެ ލިޔުމެކެވެ.