މި ސަރުކާރުން ބަޖެޓު ހުށަހަޅަނީ ނަމެއްގައި ކަމަށާއި އޭގެ ތަފުސީލުތައް ނުހިމެނުމަކީ ކަންބޮޑުވާ ކަމެއް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ 'ބަޖެޓް 2026' ޕްރޮގްރާމްގައި އޭނަ ވިދާޅުވީ މި ސަރުކާރުން ބަޖެޓު ހުށަހަޅަނީ އެއީ ގާނޫނުން ކޮންމެހެން ލާޒިމު ކުރާ ކަމަކަށްވާތީ ކަމަށެވެ. އަދި މި ސަރުކާރުން ހުށަހެޅި ދެ ބަޖެޓަށް ބަލާއިރު ވެސް ހާމަވާ އެއް ކަމަކީ ބަޖެޓަކީ ތަފުސީލާއި ހަގީގީ ނަންބަރުތަކެއް ޖަހައިގެން ހުށަހަޅާ އެއްޗެއްކަން މި ސަރުކާރުން ގަބޫލު ނުކުރާކަން ދޭހަވާ ކަމަށް މެންބަރު ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ މި އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓުގެ ސަބަބުން އިދިކޮޅު މެންބަރުންނަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ސަރުކާރު ޖަވާބުދާރީ ކުރުުވުމުގެ ހުރިހާ މަގެއް ބަންދުވެގެން ދިއުން ކަމަށެވެ. ސަބަބަކީ އެ ބަޖެޓުގައި ވެސް އެއްވެސް ކަމެއްގެ ތަފްސީލު ބަޔާންކޮށްފައި ނެތުން ކަމަށް ވިދާޅުވި އެވެ.
އަދި އަންނަ އަހަރަށް ލަފާކޮށް މިދިޔަ މަހު މަޖިލީހަށް ހުށަހެޅީ ވެސް ހަމަ އެފަދަ ބަޖެޓެއް ކަމަށް ދީދީ ވިދާޅުވި އެވެ.
"އަޅުގަނޑޫމެންނަށް ފެނިގެން ދިޔައީ މިދިޔަ އަހަރު ބަޖެޓު ހުށަހެޅިއިރު ވެސް އެއްވެސް ތަފްސީލެއް ދީފަ ނުވާތަން. ބްލޮކް ފިގަރތަކެއް މި ހުންނަނީ،" އޭނަ ވިދާޅުވި އެވެ. "ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގަ ތިއްބަވާ މެންބަރުންނަށް، ސަރުކާރު ބަޖެޓާ ގުޅިގެން ޖަވާބުދާރީ ކުރެވޭނެ އެއްވެސް މަގެއް ނެތް ގޮތަކަށް. ހުރިހާ މަގެއް ބަންދު ކޮށްފައި ބަޖެޓް ހުށަހަޅަނީ."
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓަކީ މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ.