ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ތިނަދޫ ސިޓީގައި "މިލިޓަރީ ޑިސްޕްލޭ"އެއް ހުށަހަޅައިދީފި އެވެ.
ތިނަދޫ ސިޓީ ސްޓޭޑިއަމްގައި މިއަދު ކުރިއަށްގެންދިޔަ މި ޑިސްޕްލޭ ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.
މި ޑިސްޕްލޭގައި އެމްއެންޑީއެފުން ވަނީ، ރާއްޖެއަށް ކުރިމަތިވާ ނިރުބަވެރި ހަމަލާއަކާ ދެކޮޅަށް ޤާބިލުކަމާއި ކުޅަދާނަކަމާ އެކު އެއްގަމުގެ ބާރުން ހިންގާ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދީފަ އެވެ. އެގޮތުން، ރާއްޖޭގެ ސަރަޙައްދުގައި ސިއްރިއްޔާތުގައި ދުސްމިނުންގެ ސެލްތަކެއް ހަރަކާތްތެރިވާކަން އެމްއެންޑީއެފް ޑިފެންސް އިންޓެލިޖެންސް ސާވިސް އަށް ލިބޭ ކަށަވަރު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް، ދުސްމިނުންގެ އޮބްޖެކްޓިވްތައް ނައްތާލުމަށް އެމްއެންޑީއެފްގެ ބާރުތަކުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއް ދައްކުވައިދީފައިވެ އެވެ.
މި ޑިސްޕްލޭއަށްފަހު އާއިލީ ހަވީރެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތްތަކުގެ މަގުސަދަކީ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަޚުރާއި، މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމުގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުން ވެދެއްވި ގުރުބާނީތަކުގެ ހަނދާނާއި ޒިކުރާ އާކުރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފްގެ މި ޑިސްޕްލޭއަށާއި އާއިލީ ހަވީރަށް، އާންމުންނާއި ކުޑަކުދީންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.