ރަނގަޅު އާދަތަކަށް އަހުލުވެރިވުމަކީ އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
"ދުޅަހެޔޮ ދިރިއުޅުން، އުފާވެރި މުޖުތަމައު" ނަމުގައި ކުރިއަށް ގެންދާ ޕްރިވެންޓިވް ހެލްތުކެއާގެ ގައުމީ ކެމްޕެއިން ރަސްމީކޮށް ފަށަން ކ. ގުރައިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ ދިރިއުޅުމާއި ކެއުންބުއިމުގެ ރަނގަޅު އާދަތައް ދަަސްވެ، އެކަމަށް އަހުލުވެރިވުމަކީ ދުޅަހެޔޮ އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑި ކަމަށެވެ. އަދި ގައުމެއް ބިނާކުރުމުގައި ސިއްހަތަށް އިސްކަންދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"ތޫނު ސިކުނޑިތަކެއް، މުރާލި އަތްތަކެއް، ހީވާގި ކެރޭ ހުނަރުވެރިންތަކެއް އުފެދޭނީ އޭރުން. އެފަދަ ގައުމެއްގައި އޮންނާނީ އުފާވެރިކަން، ހިތްފަސޭހަކަން. ތަހުޒީބާއި އުފެއްދުންތެރިކަން،" ސާޖިދާ ވިދާޅުވި އެވެ.
ކެއިންބުއިމުގައި ރަނގަޅު އާދަތައް ގެންގުޅެން އިސްލާމްދީން ވެސް ބާރުއަޅާ ކަމަށާއި އެގޮތުން ހަލާލު ރަނގަޅު ކާބޯތަކެތި ކެެއުމަށާއި، ކެއުން ބުއިމުގައި ވަކި މިންތަކެއް ގެންގުޅުމަށް ގުރުއާނާއި ސުންނަތުގައި އަންގަވާފައިވާކަން ފާހަގަކުރެއްވި އެވެ.
މި ކެމްޕެއިނަކީ އާންމު ޞިއްޙަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ދިރިއުޅުގެ އާދަތަކާއި ކެއުންބުއިން ބައްޓަންވެފައިވާ ގޮތާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިވެ ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ހިންގޭ ކެމްޕޭނެކެވެ.
މި ކެމްޕެއިންގައި ކުޑަކުދިންނާ، ޒުވާނުންނާ، އަންހެނުންނާ އަދި ދޮށި އުމުރުގެ މީހުންނަށް އަމާޒުކޮށް ދުޅަހެޔޮކަން ކުރިއަރުވާ އެކަމުގައި މަޝްހޫލުވެ، ދެމެހެއްޓެނިވި އާއްމު ޞިއްޙަތާ ގުޅޭ ހަރަކާތަކެއް ހިންގުމަށް ވަނީ ނިންމާފަ އެވެ.