އިދިކޮޅު އެމްޑީޕީން އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން ރޭވި މުޒާހަރާ ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ގައުމީ މަޖިލީހުގެ ރިޔާސަތުގައި މިރޭ އިންނެވި އެމްޑީޕީގެ ޗެއާޕާސަނުގެ ނައިބު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވި ގޮތުގައި މުޒާހަރާ ފަސްކުރި ސަބަބުތަކުގެ ތެރޭގައި މާލޭގެ އެއްވެސް ސަރަހައްދެއްގައި މުޒާހަރާ ބޭއްވުމަށް ސަރުކާރުން ހުއްދަ ދީފައި ނުވުމާއި، މުޒާހަރާއާ ގުޅިގެން ދަމަމުން ދިޔަ ބެނާތައް ނެގުންފަދަ ކަންކަން ހިމެނެ އެވެ.
އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމާއި ސަރުކާރުން ކުރަމުންދާ އެކި ވައްކަންތަކާއި ގާނޫނާއި ހިލާފު ކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް މި ދުވަސްވަރު ވަގުތު ބޭނުންވާ ކަމަށްވެސް އިބްރޭ ވިދާޅުވި އެވެ.
އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާގައި ކުރި ޑިމާންޑުތަކަށް ސަރުކާރުން އިޖާބަ ނުދޭނަމަ މި މަހުގެ 17 ގައި ބޮޑު އެއްވުމަށް ބާއްވަން ނިންމީ އޮކްޓޯބަރު 4، ގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.
ނޮވެމްބަރު 17 އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްތާ ދެ އަހަރު ފުރޭ ދުވަހެވެ.