ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މައްސަލައާ ގުޅިގެން މަގާމުން ވަކިކުރި ކަސްޓަމްސްގެ ޑެޕިޔުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ ވަޒީފާ އަލުން އިޔާދަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރިޔާޒުގެ ވަޒީފާ ރައީސް އިއާދަކުރައްވާފައިވަނީ، އެ މައްސަލައިގައި ރިޔާޒުގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭތީ، އޭނާގެ މަގާމު އަލުން އިއާދަކުރުމަށް ރައީސް މުއިއްޒަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241ކޮމިޓީ) އިން ލަފާ އަރުވުމުންނެވެ.
މިދިޔަ މަހުގެ ފަހުކޮޅު ރިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ 'ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް'ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓު ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ.
ރައީސް މުއިއްޒު އެ ނިންމުން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށް ފަހު، މަޖިލީހުން ފޮނުވި ސިޓީގައި ދެއްވާފައިވާ ލަފައަށް ރިއާޔަތްކޮށެވެ. ނަމަވެސް އެ ތުހުމަތުތައް ރިޔާޒު ވަނީ ދޮގުކުރައްވާފަ އެވެ.
އަދި ރިޔާޒުގެ ދިފާއުގައި ކަސްޓަމްސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައިވެ އެވެ.