އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ކުޅުނު މެޗު އެއްވަރުވިއިރު، ލީގުގެ ދެވަނަ އަށް ޗެލްސީ އަރައިފި އެވެ.
ލީގުގެ އެއް ވަނައިގައި އާސެނަލް އޮތީ 11 މެޗުން 26 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 11 މެޗުން ލިބުނު 20 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު ތިންވަނައިގައި 10 މެޗުން 19 ޕޮއިންޓު ހޯދައިގެން އޮތީ މެންޗެސްޓާ ސިޓީ އެވެ. ލީގުގައި ސިޓީން މިރޭ ލިވަޕޫލްއާ ދެކޮޅަށް ނިކުންނާނެ އެވެ.
އާސެނަލް އެއްވަރުވީ ސަންޑަލޭންޑްއާ ބައްދަލުކޮށް 2-2 އިން ކަމަށްވާއިރު، މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސަންޑަލޭންޑުންނެވެ. އާސެނަލްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން މެޗުގެ 36 ވަނަ މިނެޓްގައި މި ގޯލު ސަންޑަލޭންޑަށް ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑެނިއަލް ބަލާޑް އެވެ.
ދެވަނަ ހާފުގައި އާސެނަލުން ކުޅުން ރަނގަޅު ކުރިއިރު، މެޗުގެ 54 ވަނަ މިނެޓްގައި ބުކާޔޯ ސަކާ ވަނީ އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 74 ވަނަ މިނެޓްގައި ލިއަންޑްރޯ ޓްރޮސާޑް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އާސެނަލަށް ލީޑު ނައިދީފަ އެވެ. ޓްރޮސާޑް މި ގޯލު ކާމިޔާބުކުރީ ސަންޑަލޭންޑްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލު މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
މި ގޯލާއެކު އާސެނަލް މޮޅުވާން ދަނިކޮށް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ސަންޑަލޭންޑަށް ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ ފޯވާޑް ބްރިއަން ބްރޮބޮރީ އެވެ.
ލީގުގެ ދެވަނަ އަށް ޗެލްސީ އަރާފައިވަނީ ލީގުގެ ފުލުގައި އޮތް ވުލްވްސް 3-0 އިން ބަލިކޮށްގެންނެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 51 ވަނަ މިނެޓްގައި ޗެލްސީ އަށް ލީޑު ނަގައިދިނީ މަލޯ ގުސްޓޯ އެވެ. މިއީ އޭނާ ޗެލްސީ އަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. އަދި މެޗުގެ 65 ވަނަ މިނެޓްގައި ޖައޯ ޕެޑްރޯ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު އެޓީމުގެ ފަހު ގޯލު މެޗުގެ 73 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ވުލްވްސް އަށް ކުރިން ކުޅުނު ނެޓޯ އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ވެސްޓްހަމް ޔުނައިޓެޑުން 3-2 އިން ބާންލީ ބަލިކުރިއިރު، އެވަޓަން އިން ވަނީ 2-0 އިން ފުލަމް ބަލިކޮށްފަ އެވެ.