Last Updated: July 5, 11:45
Sunday, July 5, 2026
ޚަބަރު

ބަލިތަކުން ރައްކާތެރިކުރަން އަޅަނީ ނަމޫނާ ފިޔަވަޅުތަކެއް

ބަލިތަކުން ރައްޔިތުން ރައްކާތެރިކުރަން ސަރުކާރުން އަޅަމުންދަނީ ނަމޫނާ ފިޔަވަޅުތަކެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

"ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމަޢު" ކެމްޕެއިން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ މި ސަރުކާރުން ގެންދަނީ ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށާއި މިގޮތުން ބަލިތަކުން ދިވެހި ރައްޔިތުން ރައްކާތެރި ކުރުމަށްޓަކާ ސަރުކާރުން، ހަރުދަނާ އަދި ނަމޫނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުން މިފަދަ ބަލިތަކުން ރައްކާތެރި ކުރުމަށްޓަކާ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ނަމޫނާ ދައްކަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅު ވަނީ، މި ކެމްޕެއިން ބާރު ދުވެލީގައި ކުރިއަށް ގެންދިޔުމަށް. ރައީސްގެ އިރުޝާދާއެކު މި ކެމްޕެއިން ކުރިއަށް ގެންދާނަން. އެންމެންގެ ޝާމިލްވުން އޮތް ކެމްޕޭނެއްގެ ގޮތުގައި މި ކެމްޕޭން ކުރިއަށް ގެންދާނީ،" ނާޒިމް ވިދާޅުވި އެވެ.

މި ކެމްޕެއިނަކީ އާންމު ޞިއްޙަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ދިރިއުޅުގެ އާދަތަކާއި ކެއުންބުއިން ބައްޓަންވެފައިވާ ގޮތާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިވެ ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ހިންގޭ ކެމްޕޭނެކެވެ.

މި ކެމްޕެއިންގެ މަސައްކަތާއި ހަރަކާތްތަކުން އާއްމު ޞިއްޙަތު ކުރިއެރުވުމަށް އެންމެ ރަގަޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށާއި، މަސައްކަތުގައި ދެމިހުރުމަށް ހިތްވަރު ދިނުމަށް އެވޯޑްތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ރަށު އެވޯޑާއި، ސްކޫލު އެވޯޑުގެ އިތުރުން ޖަމިއްޔާ އެވޯޑް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މި އެވޯޑްތަކަކީ، ކަނޑައަޅާ މިންގަނޑު ތަކެއްގެ މައްޗަށް ބިނާކޮށް އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރާ ފަރާތްތަކަށް ކޮންމެ އަހަރަކު ދިނުމަށް ހަމަޖެހިފައިވާ އެވޯޑްތަކެެކެވެ.