ޕްރިންސް ހެރީއާ ކައިވެނި ކުރުމަށްޓަކައި އެކްޓިން ކެރިއަރު ދޫކޮށްލި އެމެރިކާގެ ކުރީގެ ބަތަލާ މޭގަން މާކްލް އަލުން އެކްޓިންއެއް ނުކުމެއްޖެ އެވެ.
މިހާރު ދެ ދަރިން ވެސް ތިބި މޭގަން ފިލްމެއްގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، އޭނަ އެކްޓިން އަށް ނުކުންނަން އުޅޭ ވާހަކަ މި ފަހުން ވަރަށް ގިނައިން މީޑިއާތަކުގައި ދެކެވިފައިވެ އެވެ. އެގޮތުން ކުރީގެ މަގުބޫލު ސިލްސިލާ "ސޫޓްސް" ގައި 2011-2018 އަށް ރެޗެލް ޒޭންގެ ރޯލު ކުޅުނު މޭގަން، 44، މިހާރު ކުޅެމުން އަންނަ ފިލްމުގެ ނަމަކީ "ކްލޯޒް ޕާސަނަލް ފްރެންޑްސް" އެވެ.
އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް އިން ހަދާ ކޮމެޑީ ފިލްމުގައި މޭގަން ފެންނާނީ އަމިއްލަ ޝަހުސިއްޔަތުގެ ގޮތުގަ އެވެ. "ކްލޯޒް ޕާސަނަލް ފްރެންޑްސް" ގެ ކާސްޓްގައި ބްރީ ލާސަން، ލިލީ ކޮލިންސް، ޖެކް ކްއައިޑް އަދި ހެންރީ ގޯލްޑިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިއީ ޖޭސަން އޯލީ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ.

"ކްލޯޒް ޕާސަނަލް ފްރެންޑްސް" ޝޫޓިން މިހާރު ކެލިފޯނިއާގައި ކުރިއަށްދާ އިރު، މިއާ ބެހޭ މާ ގިނަ ތަފުސީލުތަކެއް އަދި ނުލިބެ އެވެ. އެހެންވެ ފިލްމު ބެލުންތެރިންނާ ހަމަށް އަންނާނެ އިރެއް ނޭނގެ އެވެ.
ނަމަވެސް މިއީ "ކްލޯޒް ޕާސަނަލް ޕްރެންޑްސް" އަކީ އެކްޓިން އަށް މޭގަން އަންނަ ފިލްމަށްވާތީ މިއަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވެ އެވެ.
ހެރީއާ މޭގަން ކައިވެނިކުރީ 2018 ގަ އެވެ. އޭގެ ފަހުން އޭނަ ޝާހީ އާއިލާއާ އެކު އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރި ނަމަވެސް އެ އާއިލާގެ ބައެއް މީހުންނާ ދެމެދު އުފެދުނު ނުތަނަވަސްކަމާ ހެދި ހެރީ އާއި މޭގަން ޝާހީ ޒިންމާތައް ދޫކޮށްލައި، އެމެރިކާގެ ކެލިފޯނިއާ އަށް ދިރިއުޅުން ބަދަލުކުރީ 2020 ގެ ކުރީކޮޅު އެވެ.
ހެރީ އާއި މޭގަން ނެޓްފްލިކްސްއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން މި ފަހުން ތަފާތު އެކި ކަހަލަ ކޮންޓެންޓްތައް ގެނެސްދީފައިވެ އެވެ. އެގޮތުން މޭގަން ހޯސްޓްކުރި ލައިފްސްޓައިލް ސީރީޒެއް "ވިތު ލަވް، މޭގަން" ގެ ނަމުގައި މި އަހަރުގެ ކުރީކޮޅު ގެނެސް ދީފައިވެ އެވެ. ދެ ސީޒަނަކަށް އޭގެ 16 އެޕިސޯޑް ގެނެސްދިނެވެ.