Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މަޝްރޫއުތަކަށް ފައިސާ ދިނުން ހުއްޓުވަން ކޯޓަށް ދަނީ

ބީލަމަކާ ނުލައި ގިނ އަދަދެއްގެ މަޝްރޫއުތަކެއް ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދިން މައްސަލައާ ގުޅިގެން އެ ކުންފުނިތަކަށް ފައިސާ ދޫކުރުން ހުއްޓުވުމަށާއި އެކަން ކުރުމަށް މަގުފަހިވާނެހެން މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ކޯޓަށް ދާން އިދިކޮޅު އެމްޑީޕީގެ ނިންމައިފި އެވެ.

އެ ޕާޓީން އެގޮތަށް ނިންމީ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ މައްސަލާގައި ކޯޓަށް ދިޔުމަށާއި މިކަމާ ގުޅިގެން ދެން އުފެދޭ އެމްޑީޕީގެ ސަރުކާރަކުން އަމަލުކުރާނެ ގޮތްތައް ހިމެނޭ ގަރާރެއް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ސައްލެ) ވެ.

އެ ގަރާރު ފާސްވީ ބައްދަލުވި މެންބަރުންގެ އިއްތިފާގުންނެވެ.

ގަރާރުގައި ބުނެފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ މަޝްރޫއުތައް ބީލަމަށް ނުލައި ދެވޭނެހެން މާލިއްތު ގާނޫނަށް ގެނައި ބަދަލު މާލިއްޔަތު ގާނޫނާއި ހިލާފުން ހިމެނެ އެވެ. އަދި ބިޑަކަށް ނުގޮސް މަޝްރޫއުތައް ހަވާލުކުރި ސަރުކާރާއި ސަރުކާރުގެ ވެރިންނާއި ގުޅުންހުރި ކުންފުނިތައް ފިޔަވައި އެހެން ބަޔަކަށް ފުރުސަތު ނުދިނުން އަދި ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ނުހިމެނޭ ކުންފުނިތަކާއި އުވާލުމުގެ މަރުހަލާގައިވަ ކުންފުނިތަކަށް މަޝްރޫއުތައް ދިނުން ކަންބޮޑުވުންތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ހަ ކަމަކަށް އިގުރާރުވެފައިވެ އެވެ. އޭގެ ތެރޭގައި އެ ޖަރީމާ ތަހުގީގުކޮށް، އަވަހަށް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައިއެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމާއި މާލިއްޔަތުގެ ގަވައިދަށް ގެނައި ޣައިރު ދުސްތޫރީ ބަދަލު ބާތިލު ކުރުމަށް ކޯޓަށް ހުށަހެޅުމާއި ދައުލަތައް މި މުއާމަލާތުގެ ސަބަބުން ލިބިދާނެ ބޮޑު ގެއްލުމަކަށް ޓަކައި މި މަޝްރޫއުތަކަށް ފައިސާ ދޫކުރުން ހުއްޓުވުމަށް އަމުރެއް ނެރުމަށް ކޯޓުގައި އެދުން ފަދަ ކަންކަމެވެ.

ބިޑަކަށް ނުގޮސް ސަރުކާރުން މިދިޔަ ހަފުތާގެ ތެރޭގައި ޖުމްލަ 206 މަޝްރޫއެއް ކުންފުނިތަކާ ހަވާލުކޮށްފައިވެ އެވެ. އޭގެ ތެރެއިން 206 މަޝްރޫއެއް 53 ކުންފުންޏަކާ ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ސަރުކާރުން ބުނީ އެއީ އެއް ދުވަހެއްގައި މިހާތަނަށް ސަރުކާރަކުން އެންމެ ގިނަ ޕްރޮޖެކްޓްތައް ހަވާލުކުރި ތާރީހީ ދުވަހެއް ކަމަށެވެ.

ބީލަމަކަށް ނުގޮސް ކުންފުނިތަކާ ހަވާލުކުރީ މަޝްރޫއުތަކުގެ އަދަދު 2.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

އޭގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއެއްގެ އަގު 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ އަދި ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.

ވާދަވެރި ބީލަމަކަށް ހުޅުވާ ނުލައި މަޝްރޫއުތަކެއް ބަހާލަން ނިންމީ ވަޒީރުންގެ މަޖިލީހުން ބޭނުންވާ ޕްރޮޖެކްޓުތައް ބީލަމަކަށް ނުލައި އެވޯޑު ކުރެވޭ ގޮތަށް މިދިޔަ މަހުގެ 12 ގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބަދަލު ކުރުމަށް ފަހު އެވެ.