Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ލޯނުތައް ދެނީ އުސޫލުގެ ތެރެއިން، ނުފޫޒެއް ނެތް

މިދިޔަ ހަފުތާގައި ސަރުކާރުން ބީލަމަކަށް ނުގޮސް އަމިއްލަ ކުންފުނިތަކަކާ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ހަވާލުކުރި އިރު، ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބޯޑުގެ ހުއްދައާ ނުލައި އަދި ލޯނު ދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި އެވެ.

ގައުމީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތް ކުރަނީ ފުރިހަމަ މިނިވަންކަމާ އެކީގައި ކަމަށާއި ބޭންކުން ހިފަހައްޓަމުން އަންނަ ކޯޕަރޭޓް ގަވަނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައި އޮތީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑާޑްތަކުގެ އިތުރުން ބާސެލް އަދި FR 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑާޑްތަކަށް ކަމަށް ބޭންކުން ބުންޏެވެ.

އަދި ބައިނަލްއަގުވާމީ އޮޑިޓް ފާމްތަކުނ ގަވައިދުން ބޭންކު އޮޑިޓްކުރަމުން އަންނަ ކަމަށާއި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވޭ ކަމަށް ބީއެމްއެލުން ބުންޏެވެ. އެ ބޭންކުން ބުނީ ހިނގަމުން އަންނަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓެރެޓެޖީގެ މައްޗަށާއި، ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީތަކާއި އެއްގޮތަށް ބޯޑުން ނިންމާ ނިންމުންތަކާއި ދޭ ލަފަ އާއި އިރުޝާދުގެ ވެސް ދަށުން ކަމަށެވެ.

"އެގޮތުން ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާއި އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާއި އެއްގޮތަށް ދޫކުރާ ލޯނުތަކެއް." ބީއެމްއެލް އިން ބުންޏެވެ.

އެތަނުން ބުނީ ލޯނު ދޫކުރަނީ އަނބުރާ ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވާ އެކްސްޕޯޝާ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝާ އަ ށްވެސް ބަލާފައި ކަމަށެވެ. އަދި ލޯނު ދެނީ އަންޑަ-ރައިޓިން އުސޫލާ އެއްގޮތަށް ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ

ގައުމީ ބޭންކުން ބުނީ ސަރުކާރުގެ މަޝްރޫތއް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުން ކަމަށްވާ ނަމަ ބޭންކުން މިހާރު ވެސް އަމަލު ކުރަމުން އަންނަ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ލޯނުތަކަށް ދޫކުރި އަދަދުތައް:

* ޓޫރިޒަމް: 8.71 ބިލިއަން ރުފިޔާ
* އަމިއްލަ ފަރުދުންނަށް: 5.34 ބިލިއަން ރުފިޔާ
* އިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް: 5.09 ބިލިއަން ރުފިޔާ
* ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް: 2.40 ބިލިއަން ރުފިޔާ
* ވިޔަފާރިތަކަށް: 1.04 ބިލިއަން ރުފިޔާ
* އެހެނިހެން ދާއިރާތައް: 1.11 ބިލިއަން ރުފިޔާ

ބޭންކުން ބުނީ މިއީ އަދަދުތަކުން ވެސް ދައްކުވައި ދެނީ ލޯނު ދޫކުރަމުން އަންނަނީ ރިސްކް ތުރެޝްހޯލްޑް މިންގަނޑުގެ ތެރެއިންކަން ކަމަށެވެ. އެހެންވެ ބީއެމްއެލްއާ ގުޅޭ ގޮތުން އާންމުންނަށް ހަގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް އެ އިލްތިމާސްކޮށްފައިވެ އެވެ.

މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ ބީލަމަކަށް ނުގޮސް އަމިއްލަ އެކިއެކި ކުންފުނިތަކާ ޖުމްލަ 216 މަޝްރޫއެއް ހަވާލުކޮށްފައިވާ އިރު، އެ މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ކުންފުނިތަކަށް ފައިސާ ދޫކުރުން ހުއްޓުވަން ކޯޓަށް ދާން ނިންމައިފަ އެވެ.