ތުރުކީގައި ސެންޓް ރައްކާކުރާ ގުދަނެއްގައި ރޯވެ ހަ މީހަކު މަރުވެއްޖެ އެވެ.
މިޑިއާތަކުން ބުނީ އެ ހާދިސާ ހިނގީ އެ ގައުމުގެ ހުޅަނގު އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ކޯސައޭލީގެ ޑިލޮވާސީގައި ހުރި ސެންޓަރު ގުދަނެއްގައި ކަމަށާއި އެ ހާދިސާގައި ހަ މީހަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި 16 އަހަރާއި 17 އަހަރުގެ ދެ އަންހެން ކުދިން ވެސް ހިމެނެ އެވެ.
ޒަގަމްވެގެން ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އަލިފާނުގެ ހާދިސާ ހިނގި ޕްރޮވިންސްގެ ގަވަރުނަރު އިލްހާމީ އަކްތަސް ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް ރައީސް ތައްޔިބް އުރުދުގާން ތައުޒިޔާ ވިދާޅުވެފައިވެ އެވެ.
ސެންޓް ގުދަނުގައި ރޯވި މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފައިވާ އިރު، ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން މިހާތަނަށް 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
މި ފަހަކަށް އައިސް ތުރުކީގައި އަލިފާނުގެ ނުރައްކާތެރި ބޮޑެތި ހާދިސާތައް ވަރަށް ގިނައިން ދަނީ ހިނގަމުންނެވެ. މި އަހަރުގެ ކުރީކޮޅު އެ ގައުމުގެ ޓޫރިސްޓް ހޮޓަލެއްގައި ރޯވެ، 78 މީހަކު މަރުވެ، 133 މީހަކު ޒަހަމްވެފައިވެ އެވެ. އެ ހާދިސާއާ ގުޅިގެން ކުރި ދައުވާތައް ސާބިތުވެ 11 މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމް މިދިޔަ ހަފުތާގައި އިއްވާފައިވެ އެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ތުރުކީގައި ހަތިޔާރު އުފައްދާ ފެކްޓްރީއެއްގައި ވެސް ރޯވެ 12 މީހަކު މަރުވެފައިވެ އެވެ.