އަޔޫޝްމަން ކްރާނާ އާއި ޝަރްވާރީ ވާގް ލީޑް ރޯލަށް ލައިގެން ބޮލީވުޑްގެ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ މިހާރު ހަދަމުން އަންނަ ފިލްމުގެ ނަމަކީ "ޔޭ ޕްރޭމް މޯލް ލިޔާ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އާއިލީ ލޯބީގެ ފިލްމުގެ ނަމަކީ "ޕްރޭމް ކީ ޝާދީ" އެވެ.
ކާސްޓްގައި އަނޫޕަމް ކޭރް ވެސް ހިމެނޭ ފިލްމުގެ ޝޫޓިން މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށްދާ އިރު، މީޑިއާތަކުން ބުނީ މި ހަފުތާއިިން ފެށިގެން 60 ދުވަހުގެ ޝެޑިއުލެއް މުމްބާއީގެ މެހްބޫބް ސްޓޫޑިއޯގައި ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.
ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި ރާޖްޝްރީ ޕްރޮޑަކްޝަނުން ހަދާ "ޔޭ ޕްރޭމް މޯލް ލިޔާ" އަކީ އޭނަގެ 8 ވަނަ ޑައިރެކްޝަނެވެ. އޭނަ އެންމެ ފަހުން ހެދި ފިލްމަކީ އަމީތާބް ބައްޗަނާއި އަނޫޕަމާއި ބޮމަން އިރާނީއާ އެކު 2022 ގައި ގެނެސްދިން "އޫޗާއީ" އެވެ.
"މޭނޭ ޕިޔާރު ކިޔާ" އިން 1989 ގައި ޑައިރެކްޝަނަށް ނުކުތް ސޫރަޖް ގެނެސްދިން އެހެން ފިލްމުތަކަކީ "ހަމް އާޕް ކޭ ހޭ ކޯން"، "ހަމް ސާތު ސާތު ހޭ"، "މޭ ޕްރޭމް ކީ ދީވާނީ ހޫނ،" "ވިވާ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.
ސޫރަޖް އާންމުންގެ ތެރޭގައި މަޝްހޫރީ ވަރަށް ރީތި އާއިލީ ލޯބީގެ ފިލްމުތައް ގެނެސްދޭ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އޭނަގެ އާ ފިލްމު "ޔޭ ޕްރޭމް މޯލް ލިޔާ" އަންނަ އަހަރު ގެނެސްދޭނެ ކަމަށް ބެލެވެ އެވެ. މިއާ ބެހޭ އެެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ރާޖްޝްރީން ހާމައެއް ނުކުރެ އެވެ.