Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހަނިމާދޫ އެއާޕޯޓް ހުޅުވުން މިރޭ، ހަވާ ވެސް އަރުވާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިރޭ ކުލަގަދަ ރަސްމިއްޔާތެއްގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ. އެގޮތުން ރައީސާއި އެ މަނިކުފާނުގެ ޓީމަށް ހަނިމާދޫން ހޫނު މަރުހަބާއެއް ކިޔަން ހަމަޖެހިފައިވާ އިރު، މިރޭ ހަވާ އަރުވަން ވެސް ހަމަޖެހިފައިވެ އެވެ.

އިންޑިއާގެ އެހީގައި ތަރައްގީކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް މިރޭ ހުޅުވާ އިރު، އެތަނުގެ މަސައްކަތް އަދިވެސް އެއްކޮށް ނުނިމެ އެވެ. އެކަމަކު އެ އެއާޕޯޓްގެ ޖާގަ ތަނަވަސް ޒަމާނީ ޓާމިނަލްގެ އެންމެ ތިރީ ފްލީ މިދިޔަ މަހުގެ 17 އިން ފެށިގެން އަންނަނީ ބޭނުން ކުރަމުންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ ސެޕްޓެމްބަރު 25، 2022 ގަ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2023 ގެ ޖެނުއަރީގަ އެވެ.

ގާތްގަނޑަކަށް 136.6 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ އައު ޓާމިނަލްގައި 2،465 މީޓަރުގެ ދިގު ރަންވޭއެއް ހިމެނެއެވެ. އެތަނުގައި ބޮއިން 737 އާއި އެއާބަސް 320 ފަދަ ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސޭނެ އެވެ.

މި އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.