Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ކޮންމެ މަހަކު 3 ދުވަހު ރޯދަ ހިފުން!

ސުންނަތް ކަންކަމުގެ ތެރެއިން ކޮންމެ މަހަކު 3 ދުވަހު ރޯދަ ހިފުން

އަޅަމެންގެ ވެރިރައްބަކީ ޝުކުރުވަންތަވެވޮޑިގަތުމުގެ ޞިފަ ލިބިވޮޑިގެންވާ އިލާހެކެވެ. ވަރަށް ކުޑަ ޢަމަލަކަށް ވެސް ބޮޑު ޖަޒާއެއް އެއިލާހު ދެއްވަފާނެ އެވެ. މުޙައްމަދު صلى الله عليه وسلم ގެ އުންމަތަކީ ރަޙުމަތް ލިބިގެންވާ އުންމަތެކެވެ. ކުޑަ ޢުމުރެއްގައި މަދު ޢަމަލެއްކޮށް އެބައިމީހުންނަށް ބޮޑު ޖަޒާއެއް ލިބިގެންދެއެވެ. އަދި އާޚިރަތްދުވަހުން އެހެން އުންމަތްތަކަށް ވުރެ ކުރިއަރައިގެންދެ އެވެ.

ފަހެ ކޮންމެ މަހެއްގައި (ސުންނަތް) ތިން ދުވަހު ރޯދަ ހިފުމަކީ މުޅި މަހު ރޯދަހިފުންފަދަ ކަމެކެވެ. އެފަދަ ކޮންމެ ދުވަހެއްމެ ދިހަ ދުވަހާ އެއްވަރެވެ. އެއީ ﷲ ތަޢާލާގެ ފަޟްލުވަންތަކަމާއި މިންނަތެވެ. އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ.

أَوْصَانِي خَلِيلِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلاَثٍ: «صِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَرَكْعَتَيِ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أَنَامَ»[متفق عليه]

މާނައީ: ”އަހަރެންގެ މިތުރު (ރަސޫލާ) ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަހަރެންނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއީ ކޮންމެ މަހެއްގައި ވެސް ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދުގެ ދެރަކުޢަތް ކުރުމާ އަދި ނިދުމުގެ ކުރިން ވިތުރި ކުރުމެވެ.”

ނޯޓް: މިއީ ޝައިޚް ޢިމްރާން މުޙައްމަދުގެ ލިޔުއްވުމެކެވެ.