ޝާހްރުކް ޚާންގެ ފިލްމެއްގައި މަސައްކަތް ލިބުނު ފުރުސަތެއް ގެއްލުނު ކަމަށާއި އެފަދަ ފުރުސަތެއް ދެން ލިބިއްޖެ ނަމަ ޔަގީނުން ގެއްލިޔަ ނުދޭނެ ކަމަށް އެކްޓަރު އިމްރާން ހާޝިމީ ބުނެފި އެވެ.
ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ ކުރިން ލިބުނު ފުރުސަތު ގެއްލުމުން މާޔޫސްވި ކަމަށާއި އެކަމަކު ކުރިއަށް އޮތް ތަނުގައި އެފަދަ ފުރުސަތެއް އަދި ލިބޭނެ ކަމަށް ވަރަށް އުންމީދު ވެސް ކުރާ ކަމަށް ބުންޏެވެ.
"ދެން ލިބޭ ފުރުސަތެއް ގެއްލިޔަކަ ނުދޭނަން،" މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ހަޤް" ގެ ބަތަލު ބުންޏެވެ. "އުންމީދު ކުރަނީ ކައިރި މުސްތަގުބަލެއްގައި އެފަދަ ފުރުސަތެއް ލިބޭނެ ކަމަށް."
ޝާހްރުކާ އެކީ މަސައްކަތް ކުރަން ލިބުނީ ކޮން ފިލްމެއްގައިތޯ އެހުމުން އިމްރާން ހިނިގަނޑެއް ޖަހާލާފައި ބުނީ އެއެއް ނުބުނާނެ ކަމަށެވެ.
ޝާހްރުކާ އެކި ފިލްމެއްގައި މަސައްކަތް ނުލިބުނަސް، އޭނަގެ ސްޓޫޑިއޯ، ރެޑް ޗިލީސް އުފެއްދުންތަކެއްގައި އިމްރާން މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ޕްރޮޖެކްޓަކީ ޝާހްރުކްގެ ދަރިފުޅު އަރިއަން ޚާން މިދިޔަ ސެޕްޓެމްބަރުގައި ނެޓްފްލިކްސް އަށް ގެނެސްދިން ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" އެވެ.
އިމްރާންގެ 2019 ގެ ނެޓްފްލިކްސް ސީރީޒް "ދަ ބާޑް އޮފް ބްލަޑް" އަކީ ވެސް ރެޑް ޗިލީސްގެ އުފެއްދުމެކެވެ.
ބޮލީވުޑްގެ އެންމެ ވަރުގަދަ ތިން ޚާނުންގެ ތެރެއިން އިމްރާން މިހާތަނަށް އެކީގައި މަސައްކަތްކުރި ހަމައެކަނި ތަރި އަކީ ސަލްމާން ޚާނެވެ. އޭނަގެ ޓައިގާ ފްރެންޗައިޒްގެ ތިން ވަނަ ބައި 2023 ގެ "ޓައިގާ 3" ގެ މައި ވިލަން އަކީ އިމްރާނެވެ.