އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫ ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކުރައްވައިފި އެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ މި ދަތުރުފުޅަކީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް އެހީގެ ދަށުން ތަރައްގީކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ މި ދަތުރުފުޅުގެ ތެރެއިން މިއަދު ވަޒީރު ޑރ. ހަލީލާއި ބައްދަލުކުރައްވައި، ރާއްޖެ އާއި އިންޑިއާގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް މިރޭ ހުޅުވާ އިރު، އެތަނުގެ މަސައްކަތް އަދިވެސް އެއްކޮށް ނުނިމެ އެވެ. އެކަމަކު އެ އެއާޕޯޓްގެ ޖާގަ ތަނަވަސް ޒަމާނީ ޓާމިނަލްގެ އެންމެ ތިރީ ފްލޯ މިދިޔަ މަހުގެ 17 އިން ފެށިގެން އަންނަނީ ބޭނުން ކުރަމުންނެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ ސެޕްޓެމްބަރު 25، 2022 ގަ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2023 ގެ ޖެނުއަރީގަ އެވެ.
ގާތްގަނޑަކަށް 136.6 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ އައު ޓާމިނަލްގައި 2،465 މީޓަރުގެ ދިގު ރަންވޭއެއް ހިމެނެއެވެ. އެތަނުގައި ބޮއިން 737 އާއި އެއާބަސް 320 ފަދަ ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސޭނެ އެވެ.
މި އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.