Last Updated: July 5, 14:04
Sunday, July 5, 2026
ޚަބަރު

ލަންކާ ޑްރަގް ބޯޓު ފުލުހުންނާ ހަވާލުކޮށްފި

ރާއްޖެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުން ދަނިކޮށް، ދިވެހި ސިފައިން އަތުލައިގަތް ސްރީލަންކާގެ މަސްބޯޓު ފުލުހުންނާ ހަވާލުކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނު ސްރީލަންކާގެ މަސްބޯޓާއި، އެ ބޯޓުން ފެނުނު މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑްރޯން ބޭނުންކޮށްގެން ހިންގި ސަވައިލަންސެއްގައި އަތުލައިގަތް އެ މަސް ބޯޓުގައި ހުރީ 300 ކިލޯގެ ހެރޮއިން އާއި ކްރިސްޓަލް މެތެވެ. ދެން ތިބީ އޭގައި މަސައްކަތް ކުރާ ހަ މަސްވެރިންނެވެ.

އެ މަސްބޯޓު ހުއްޓުވީ، ލަންކާގެ ކަނޑުގެ ސިފައިން ދިން އިންޓެލިޖެންސް މައުލޫމާތު މެދުވެރިކޮށް ކަމަށް ނޫސްތަކުގައި ބުނެފައި ވެ އެވެ.

މި ބޯޓު ހިފެހެއްޓުމުގެ އިތުރުން އެމްއެންޑީއެފުން ހިންގި އެހެން އޮޕަރޭޝަނެއްގައި ވެސް، ރާއްޖޭގެ އެސްއީޒެޑުގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.