އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ލިވަޕޫލް 3-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ ދެވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް 11 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސިޓީ އަށް 11 މެޗުން 22 ޕޮއިންޓް ވަނީ ލިބިފަ އެެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 11 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ސަންޑަލެންޑަށް ވަނީ 11 މެޗުން 19 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އާއި ހަ ވަނައިގައި އޮތް އެސްޓަން ވިލާ އަދި ހަތް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް އަދި އަށް ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 11 މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ސިޓީ އަށް 13 ވަނަ މިނިޓްގައި ލީޑުނަގަން ލިބުނު ފުރުސަތުގައި އާލިން ހާލަންޑް ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު، ޖިއޯޖީ މަމަޑާޝްވިލީ ވަނީ މަތަކޮށްފަ އެވެ. ނަމަވެސް މެޗުގެ 29 ވަނަ މިނިޓްގައި ހާލަންޑް ވަނީ ސިޓީއަށް ލީޑު ނަގައިދީފަ އެވެ. މިއީ މަޓެއުސް ނޫނޭސް ނެގި ހުރަހަކުން ހާލަންޑް ބޮލުން ޖެހި ގޯލެކެވެ. މިއީ ޕްރިމިއާ ލީގުގައި ސިޓީ އަށް ހާލަންޑް ޖަހައިދިން 99 ވަނަ ގޯލެވެ.
ލިވަޕޫލުން ވާޖިލް ވެން ޑައިކް ބޮލުން ޖެހި ގޯލުން އެއްވަރުކުރި ނަމަވެސް ވީއޭއާރް އިން ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިކޯ ގޮންޒާލޭޒް ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ދެ ވަނަ ހާފުގައި ސިޓީގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ މި މެޗުގެ މޮޅު ކުޅުންތެރިޔާ ޑޮކޫ އެވެ. މެޗުގެ 63 ވަނަ މިނިޓްގައި ޑޮކޫ އޭރިއާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ލިވަޕޫލްގެ މައްޗަށް ސިޓީން ބޮޑު މޮޅެއް ހޯދިއިރު، މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގެ 1000 ވަނަ މެޗެވެ.