Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އޭސީޕީ ޝިފާންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) އަޙްމަދު ޝިފާންގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ހުށަހަޅައިފި އެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމަށް އެޑްރެސްކޮށްފައި، ފުލުހުންގެ ޗީފް އިންސްޕެކްޓާ ރޭންކުމް މަތީ ރޭންކްތަކުގެ 11 އޮފިސަރަކު ވިސުލްބްލޯވަރުންގެ ގޮތުގައި ފޮނުވި ސިޓީގައި ވަނީ ފުލުހުންގެ ޚިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޝިފާންގެ ކިބައިން ފެންނަ މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ.

އެގޮތުން ޝިފާންގެ ފަރދާތުން ބަދުއަހުލާގީ އަމަލުތަކުގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމުގެ ތުހުމަތުކޮށްފައިވެ އެވެ. ސިޓީގައިވާ ގޮތުން ޝިފާންގެ ދަށުން މަސައްކަތްކުރާ އަންހެން މުވައްޒަފުނަށާއި ފިރިހެން މުވައްޒަފުންގެ އަނބިންނާ އެކުގައި ބަދުއަހުލާގީ އެފަދަ އަމަލު ހިންގާފައިވެ އެވެ.

އެގޮތުން ރުހުމުގައި ހިންގާފައިވާ ބަދުއަޚުލާގީ އަމަލުތަކާއި ގަދަކަމުން ހިންގާފައިވާ ބަދުއަޚުލާގީ މައްސަލަތަކާއި ފުލުހުންގެ އަންހެން ސިވިލް އޮފިސަރަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ހިމެނޭ ކަމަަށް ސިޓީގައިވެއެވެ.

އެހެންވެ މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް އެ މުވައްޒަފު މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފުލުހުންގެ ދެ އެގްޒެކެޓިވް އޮފިސަރަކު ފްރޭމް ކުރަން އުޅުނުކަމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ. އެގޮތުންން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑަށް މާޗް މަހުގެ ފަހުކޮޅު އެ މައްސަލަ ހުށަހެޅި ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ސިޓީގައިވާ ގޮތުން އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުވާން އެދުމުން އެ މުވައްޒަފުން އަތުން ފައިސާ އާއި އެހެނިހެން ތަކެތި ނެގުމަށް ފަހު އެ ބަދަލުތައް ޝިފާނު ގެނެސްދޭ ކަމަށް ގިނަ މުވައްޒަފުންތަކެއްގެ ފަރާތުން އެނގިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ޝިފާނާ ދެކޮޅަށް ހުށަހަޅާ މައްސަލަތައް ފުރިހަމައަށް ނުބެލި، ނުވަތަ އެކަށީގެންވާ ފިޔަވަޅު ނޭޅި އޮންނަ މައިގަނޑު އެއް ސަބަބަކީ އޭނާ އަކީ ސިޔާސީ ފަރާތްތަކާއި ބައެއް ސަރުކާރުތަކުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކާ ގާތް ގުޅުމެއް އޮންނަ މުވައްޒަފަކަށްވުން ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެހެންވެ މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ މައްސަލަތައް ބަލައި ފިޔަވަޅި އަޅައި ދިނުމަށް އެދިފަ އެވެ.