ޑާކް ރެއިން އެންޓައިންމަންޓުން އަންނަ މަހު ގެނެސްދޭން ނިންމާފައިވާ ފިލްމު "އަލްވަދާއު" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މިއީ މި ފިލްމުގެ ބަތަލުގެ ރޯލު ކުޅެފައިވާ ޝަރަފް އަބްދުﷲ ގެ އަންހެނުން ޝަހުދާ މަހްމޫދުފެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.
"އަލްވަދާއު" ގައި ޝަރަފާ އެކު ލީޑް ބަތަލާގެ ރޯލުން ފެންނާނީ ޑާކް ރެއިންގެ ގިނަ ފިލްމުތަކެއް ކުޅެފައިވާ މަރިޔަމް މަޖުދާ އެވެ. ޝަރަފާއި މަޖުދާ އަކީ މިދިޔަ އަހަރު ޝަހުދާ ލިޔެ، ޑައިރެކްޓްކށް ގެނެސްދިން ހޮރޯ-ކޮމެޑީ "ބިބީ" ގެ ލީޑް ތަރިންނެވެ.
އަންނަ މަހު 1 ގައު އޮލިމްޕަސް ސްކްރީނަށް ދޫކޮށްލަން ތާވަލުކޮށްފައި އޮތް "އަލްވަދާއު" ގެ ކާސްޓްގައި ޝީލާ ނަޖީބާއި ނުޒުހަތު ޝުއައިބާއި އިސްމާއީލް ޖުމައިހާއި އައިޝަތު ލައިޝާ ލަތީފާއި ދަރާ މުހައްމަދު ރަޝީދު ވެސް ހިމެނެ އެވެ.
މި ފިލްމަކީ ޑާކް ރެއިނުން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ. އެ ސްޓޫޑިއޯގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މިދިޔަ މަހު ގެނެސްދިން ކްރައިމް އެކްޝަން ތުރިލާ "އަލިފާން" އެވެ.
އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ މި އަހަރުގެ 7 ވަނަ ފިލްމެވެ. އެއީ މި މަހުގެ 5 އިން ފެށިގެން ދައްކަމުން އަންނަ ސެޓާން ސްޓޫޑިއޯގެ ކޮމެޑީ "ކޮސް ގިނަ މިސްޓޭކް" އެވެ. ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނަނާނީ ކްރިއޭޓިވް ނެޓްވޯކުން މި މަހުގެ 20 އަށް ތާވަލުކޮށްފައިވާ ކްރައިމް ޑްރާމާ "ލިލީ" އެވެ.