Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އަނެއްކާ ވެސް އަލްހާންގެ ފޮރެކްސް ޓްރޭޑިންއެއް!

އަލްހާން ފަހުމީގެ ތިންބެއިންވެގެން ކުރިން ހިންގި ޕޮންޒީ ސްކީމަކާ ގުޅިގެން ގިނަ ބަޔަކު ލިބުނު ގެއްލންތަކާ ގުޅިގެން ކުރި ދައުވާ އަނބުރާ ގެންގޮސްފައި ވަނިކޮށް، އޭނަ އަނެއްކާ ވެސް މިފަދަ މުއާމަލާތަކަށް ހުޅުވާލައި، އެކަމުގެ ދައުވަތު އާންމުންނަށް ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ‏އުންމީދަކީ 2028 ގެ ކުރިން ކޮންމެ ގޭބިސީއަކަށް އޭނަގެ މަސައްކަތުން މަހަކު 1،500 ޑޮލަރު ވެއްދުން ކަމަށެވެ.

"[‏އެހެންވެ] ބޭނުން ވަނީ [އާންމުންގެ] އެއްބާރުލުން،" އަލްހާން ވިދާޅުވި އެވެ. "ކޮޕީޓްރޭޑް ކުރެއްވުމަށް ޓެލެގްރާމް ގުރޫޕާ ގުޅިވަޑައިގަންނަވާ."

އަލްހާނާއި އޭނަގެ ދެ ކޮއްކޮއިން ކަމަށްވާ ޝަހްބާން ފަހުމީ އާއި ޝަޒްބާން ފަހުމީ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތޮށް އެ މީހުންގެ 2023 ގައި ކުރި ދައުވާ ޕްރެސެކިއުޓަ ޖެނެރަލް އޮފީހުން އަނބުރާ ގެންދިޔައީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އެގޮތަށް ނިންމީ ދައުވާތައް ކޯޓުގައި ހިނގަމުން ދަނިކޮށް، ދައުވާ ލިބޭ ފަރާތްތަކުން ތުހުމަތު ކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެން ޖެހޭ 13 ފަރާތަށް ބަދަލުދީ ހަލާސްކޮށްފައިވާ ކަމަށް ބަޔާންކޮށް، ދައުވާތައް މުރާޖައާކޮށް ދިނުމަށް ތިން ބެއިންގެ ފަރާތުން އެދިފައިވާތީ އެވެ.

އެހެންވެ އެކަމާ ގުޅިގެން ފުލުހުން ހިދުމަތް މެދުވެރިކޮށް މައުލޫމާތު ސާފުކުރި އިރު، އެ މައްސަލައިގައި ބަދަލު ލިބޭން ޖެހޭ މީހުންނަށް ބަދަލު ލިބިފައިވާކަން ކަށަވަރުވެފައިވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ދައިވާ އަނބުރާ ގެންދިމާ ގުޅިގެން އަލްހާން ވިދާޅުވެފައި އޭނަގެ ކުންފުނިން ހިންގި އޮންލައިން ފޮރެކްސް ޓްރޭޑިންގެ މަސައްކަތާއި ވިޔަފާރި ހުއްޓުވުމުން ލިބުނު ގެއްލުން 300 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ކަމަށެވެ. އެހެންވެ ޤާނޫނީ އިމުން ބޭރުން ވިޔަފާތި ހުއްޓުވުމުން ލިބުނު ގެއްލުމަށް ބަދަލު ވެސް ލިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ.