ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު ދޭން ނިންމައިފި އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގަ އެވެ.
މި ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުން ހިމެނެ އެވެ. އެ އިނާމަށް ބޭފުޅުން ހޮވީ ޤައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު މިއަހަރު ލިބިވަޑައިގަންނަވަނީ 33 ބޭފުޅަކަށެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމާއެކު، ޤާބިލްކަމާއި، އިޚްލާޞްތެރިކަމާ އެކުގައި ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއަކަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.
ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށް ދެނީ ޝަރަފުގެ ބެޖަކާއި ޝަރަފުގެ އައްޑަނައަކާއި ހަނދާނީ ފިލައެކެވެ.