ބޮލީވުޑްގައި 90 ގެ ތެރޭގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ޕޫޖާ ބަޓް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިހާރު އުމުރުން 53 އަހަރުގެ ބަތަލާ އާ ފިލްމުގައި ކުޅޭނީ އޭގެ ބަތަލު ޖިތެންދުރަ ކުމާރުގެ މަންމަގެ ރޯލު ކަމަށެވެ.
ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ޖިތެންދުރަ މުހިއްމު ރޯލެއް ކުޅުނު އަޔޫޝްމަން ކްރާނާގެ 2017 ގެ "ޝުބް މަންގަލް ސާވްދާން" އާއި 2020 ގައި ގެނެސްދިން އޭގެ ދެވަނަ ބައި "ޝުބް މަންގަލް ޒާދާ ސާވްދާން" ސްކްރީންޕްލޭ ލިޔެ، ދެވަނަ ބައި ޑައިރެކްޓް ވެސް ކުރި ހިތޭޝް ކެވަލިއާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ.
މީގެ މައިގަނޑު ޕްލޮޓް ބިނާޖޮށްފައި ވަނީ އިންޑިއާގެ ސަގާފަތާއި އާދަކާދައިގެ ތެރޭގައި ހިމެނޭ ކޮތަރު ގެންގުޅުމާއި ކޮތަރު އުދުއްސަން އޮންނަ ފޯރީގެ މައްޗަށެވެ.
ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
ކެރިއަރުގެ ރަން ޒަމާނުގައި "ދިލް ހޭ ކެ މާންތީ ނެހީ" އާއި "ސަޅަކް" އާއި "ބޯޑާ" އާއި "ޒަހަމް" އަދި "ތަމަންނާ" ފަދަ މަގުބޫލު ފިލްމުތައް ކުޅުނު ޕޫޖާގެ އެންމެ ފަހުގެ ފިލްމަކީ ސަނީ ޑިއޯލްއާ އެކު ޑައިރެކްޓަރު އާރް ބަލްކީ 2022 ގައި ގެނެސްދިން ކްރައިމް ތުރިލާ "ޗުޕް: ރިވެންޖް އޮފް ދި އާޓިސްޓް" އެވެ.
ޕޫޖާ އަކީ ބޮލީވުޑްގެ މިހާރު އެންމެ ކާމިޔާބު އެއް ބަތަލާ ކަމަށްވާ އާލިއާ ބަޓްގެ އެއްބަފާ ދައްތަ އެވެ. އަދި އޭނަ އަކީ ކުރީގެ ޑައިރެކްޓަރު މަހޭޝް ބަޓްގެ ދޮށީ ދަރިފުޅެވެ.
ޕޫޖާ އަކީ ބަތަލާއެއްގެ އިތުރުން ޑައިރެކްޓަރެއް ވެސް މެ އެވެ. އޭނަ ހެދި ފިލްމުތަކުގެ ތެރޭގައި "ޕާޕް"، "ހޮލިޑޭ" އަދި "ޖިސްމް 2" ހިމެނެ އެވެ.