ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓު ކާޑުން ރާއްޖެ އިން ބޭރުގައި ވިޔަފާރި ކުރެވޭ އަދަދު އިތުރުކޮށް އެ ބޭންކުގެ ޕީއޯއެސް މެޝިންތައް ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކުން ނަގާ ފީ ކުޑަކޮށްފި އެވެ.
ގައުމީ ބޭންކްގެ ޕީއޯއެސް މެޝިން ބޭނުންކުރަން ފެށީއްސުރެ މާޗަންޓު ފީ އުޅެނީ 2.5 ޕަސެންޓްގަ އެވެ. ނަމަވެސް އަދަދު މާދަމާއިން ފެށިގެން ޕަސެންޓަކަށް ދަށްކުރަން ނިންމާފައިވާ ކަމަށް ބޭންކުން މިއަދު ބުންޏެވެ.
ބީއެމްއެލުން ބުނީ މިއީ އެ ބޭންކްގެ 43 ވަނަ އަހަރީ ދުވަހާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް އެޅި ފިޔަވަޅެއް ކަމަށާއި މީގެ ސަބަބުން ބީއެމްއެލްގެ ޕީއޯއެސް މެޝިންގެ ހިދުމަތް ހޯދާ 7،000 އެެއްހާ ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ވިޔަފާރިތަކަށް އިތުރަށް ލުއިކޮށް ދިނުމަށް އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީ އެއް ތައާރަފުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެގޮތުން ރަހުނަކާއި ނުލާ ދޫކުރާ މި އެޑްވާންސް ފެސިލިޓީގެ ދަށުން ފާއިތުވެ ދިޔަ ހަ މަސްދުވަހުގެ މުއާމަލާތްތަކަށް ބަލައި 2،000،000ރ، އާ ހަމައަށް ފައިސާ ދޫކުރާނެ އެވެ.
މާދަމާއިން ފެށިގެން ބޭރު ގައުމުތަކުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ވިޔަފާރި ކުރެވޭ އަދަދު 1،000 ޑޮލަރަށް، އަދި އެއާލައިން ޓިކެޓާއި ހޮޓާތަކަށް ލާރި ދެއްކުމާށް ކާޑުން ދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުކުރަން ވަނީ ނިންމައިފަ އެވެ.