Last Updated: June 7, 22:00
Monday, June 8, 2026
މުނިފޫހިފިލުވުން

އަހާންގެ ދެވަނަ ފިލްމުގައި ބޮބީ ވެސް އުޅޭނެ

ދާދި ފަހުން ރިލީޒްކޮށް ބޮޑު ތަރުހީބެއް ލިބުނު ބޮލީވުޑްގެ ފިލްމު "ސައްޔާރާ" އިން ތައާރަފުވި އެކްޓަރު އަހާން ޕާންޑޭގެ ދެވަނަ ފިލްމުގެ މުހިއްމު ރޯލެއް ބޮބީ ޑިއޯލް ވެސް ކުޅޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ސައްޔާރާ" ވެސް އުފެއްދި ޔަޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ އަހާންގެ ދެވަނަ ފިލްމަކީ އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ރޮމޭންޓިކް އެކްޝަން ތުރިލާއެކެވެ.

ނަން އަދި ހާމަނުކުރާ މި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށަން ނިންމާފައިވާ އިރު، ފިލްމުގައި ބޮބީ ކުޅޭނީ ގްރޭ ކެރެކްޓާއެއް ކަމަށް މިޑް-ޑޭ އިން ބުންޏެވެ. އެ ނޫހުން ބުނީ އޭނަގެ ކެެރެކްޓާ އަކީ ގްރޭ ޝޭޑްސް އެކުލެވޭ ކެރެކްޓާއަކަށް ވިޔަސް، ބޮބީ އަކީ ފިލްމު މައި ވިލަން ނޫން ކަމަށެވެ.

އޭނަގެ އަތުގައި ވެސް ވައިއާރްއެފްގެ އެހެން ފިލްމެއް އެބައޮތެވެ. އެއީ ކުރިން އަންނަ މަހު ރިލީޒް ކުރަން ނިންމާފައި ވަނިކޮށް އަންނަ އަހަރުގެ އެޕްރީލަށް ފަސްކޮށްފައިވާ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ "އަލްފާ" އެވެ. އާލިއާ ބަޓާއި ޝަރްވާރީ ވާގް ލީޑްކުރާ އެ ފިލްމުގެ މައި ވިލަން އަކީ ބޮބީ އެވެ. ޝަރްވާރީ އަކީ އަހާންގެ ދެވަނަ ފިލްމުގެ ވެސް ބަތަލާ އެވެ.

މި ފިލްމު ވަނީ އަލީއާ އެކު ބޮބީ މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.

މީޑިއާތަކުން ބުނީ މި ފިލްމަށް ލޮކޭޝަން ހަންޓް ކުރަން އަލީ ވަރަށް އަވަހަށް އިނގިރޭސިވިލާތަށް ދާނެ ކަމަށެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފާ އެކު ގެނެސްދިން "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ.