Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ވިޝަން އައްޑޫ: ދެކުނުގެ ޓޫރިޒަމް

ދިވެހި ރާއްޖޭގެ ދެކުނުގެ ޓޫރިޒަމް އަށް އައު އުޖާލާ ދުވަސްތަކެއް ގެނެސްދޭނެ ކަމަށް ބެލެވޭ ފޭދޫ ޓޫރިޒަމް ޒޯނަކީ، އައްޑު އަތޮޅާއި މުޅި ދެކުނުގެ އިގްތިސާދީ ތަރައްގީ އަށް މުހިންމު ދޮރެއް ހުޅުވައިދޭނެ މަޝްރޫއެކެވެ. މި ޒޯން ތަރައްގީ ކުރުމަކީ ހަމައެކަނި ފޭދި އަށް ލިބޭ ކުރިއެރުމެއް ނޫނެވެ.

މިއީ އައްޑު އަތޮޅާއި އެ އަތޮޅުގެ ރައްޔިތުންގެ އިތުރުން މުޅި ދެކުނުގެ ޓޫރިޒަމްގެ ކާމިޔާބީގެ ވެސް އަސާސީ ބިންގަލެވެ.
އައްޑު އަތޮޅާއި، މުޅި ދެކުނުގެ ޓޫރިޒަމްގެ ކާމިޔާބީގައި ފޭދޫ ޓޫރިޒަމް ޒޯން އަދި ގެސްޓުހައުސް ޒޯން އަދާކުރާނެ ދައުރު އާދަޔާޚިލާފަށް ބޮޑު ވާނެ އެވެ. ޚާއްސަކޮށް، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ކާމިޔާބު ކުރެވޭނީ ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ އެނދުގެ ކެޕޭސިޓީ ގިނަކުރެވިގެންނެވެ.

ފޭދޫ ޓޫރިޒަމް ޒޯން މިހާރު ތަރައްގީވެގެން އަންނަނީ 500 އެނދުގެ ކެޕޭސިޓީއަކަށެވެ.

އައްޑޫ ފޭދޫ ޓޫރިޒަމް ޒޯން: މި ތަނުގައި އެކި ފަރާތްތަކުން އަންނަނީ ފެސިލިޓީތައް ގާއިމު ކުރަމުން. ފޮޓޯ/ އަހުމަދު ފާރިސް

އައްޑޫގެ ޝަންގްރިއްލާ ވިލިނގިލި ރިސޯޓާއި، ސައުތުޕާމާއި ކެނަރީފް ރިސޯޓުތައް ފުރިހަމައަށް ނުހިންގިގެން އުޅޭ އެންމެ ބޮޑު ސަބަބު ކަމުގައިވާ އައްޑޫގެ ޓޫރިސްޓު އެނދު މަދުކަމަށް ލިބިގެން ދާނެ ބޮޑު ހައްލެކެވެ. ފޭދޫ ޓޫރިޒަމް ޒޯން ހުޅުވުމާ އެކު އައްޑު އަށް ބައިނަލްއަގުވާމީ ދަތުރުފަތުރު އިތުރުވެ، އެއާޕޯޓުގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެގެން ދާނެ އެވެ.

މީގެ އިތުރުން، ފުވައްމުލައް، ހުވަދޫ އަދި ލާމުގެ ރިސޯޓުތަކަށް ވެސް ޓޫރިސްޓުން ގަން އިންޓަނޭޝަނަލް އެއާރޕޯޓް މެދުވެރިކޮށް ގެނެވޭނެ މަގު ތަނަވަސްވެގެން ދާނެ އެވެ. މިއީ ދެކުނުގެ އެންމެހާ އަތޮޅުތަކުގެ ޓޫރިޒަމް ތަރައްގީއަށް ލިބިގެން ދާނެ ބޮޑު ކުރިއެރުމެކެވެ.

ފޭދޫ ޓޫރިޒަމް ޒޯންގެ ކާމިޔާބީ އާ ގުޅިފައިވާ އެހެން މުހިންމު ކަމަކީ ކައިރީގައިވާ ސަވާހިލި ޓޫރިޒަމް ޒޯން ތަރައްގީ ކުރެވޭނެ ގޮތެވެ. އެހެނީ، ފޭދޫ ޓޫރިޒަމް ޒޯން ކާމިޔާބުވާނީ، ސަވާހިލި ޓޫރިޒަމް ޒޯނަށް ސާވިސް އައިލޭންޑެއްގެ ގޮތުގައި ތައްޔާރުކުރެވިގެންނެވެ. ސަވާހިލި ވަން އައިލޭންޑް ވަން ރިސޯޓް މޮޑެލްއަށް ރިސޯޓެއް ބިނާކުރަން ބަޔަކަށް ދެވިއްޖެނަމަ އެއީ ބޮޑު ނުރަނގަޅު ކަމަކަށް ވާނެއެވެ.

އައްޑޫ ފޭދޫ ޓޫރިޒަމް ޒޯން: މި ތަނުގައި އެކި ފަރާތްތަކުން އަންނަނީ ފެސިލިޓީތައް ގާއިމު ކުރަމުން. ފޮޓޯ/ އަހުމަދު ފާރިސް

ސަވާހިލި ވާން ޖެހޭނީ ފޭދޫ ޓޫރިޒަމް ޒޯން/ގެސްޓުހައުސްތަކަށް ސާވިސް އައިލޭންޑަކަށެވެ. މީގެ ސަބަބުން ފޭދޫގެ ގެސްޓުހައުސްތަކަށް ބޭނުންވާ ހިދުމަތްތައް ފަސޭހައިން ލިބި، ގެސްޓުހައުސްތަކާއި ސަވާހިލި ގުޅިގެން ދެކުނުގެ ޓޫރިޒަމް ދާއިރާ އަށް ފުޅާ ކުރިއެރުންތަކެއް ލިބިގެން ދާނެ އެވެ.

އައްޑޫގެ ތަރައްޤީ އަށް މިހާރު ލިބޭ ސަރުކާރުގެ ބްލޮކް ގްރާންޓަކީ އެންމެ އެދެވޭ ޙައްލެއް ނޫނެވެ. އައްޑޫގެ ފުރިހަމަ ތަރައްޤީ އަށް މިވަގުތު އެންމެ ބޭނުންވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާއި، އައްޑޫގެ ޓޫރިޒަމް ޒޯންތައް ތަރައްޤީކުރުމަށް ބޭނުންވާ ދިގު މުއްދަތުގެ ލޯނު ފަންޑިންގ އާއި މިކަންކަމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތައް ނައްތާލުމެވެ.

އައްޑޫ ފޭދޫ ޓޫރިޒަމް ޒޯން: މި ތަނުގައި އެކި ފަރާތްތަކުން އަންނަނީ ފެސިލިޓީތައް ގާއިމު ކުރަމުން. ފޮޓޯ/ އަހުމަދު ފާރިސް

ސަރުކާރުން މިފަދަ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދޭ ރެގިއުލޭޓަރީ އޮނިގަނޑެއް ޤާއިމްކޮށް ދެއްވައިފި ނަމަ، އައްޑު އަށް އަމިއްލަ ޤާބިލުކަމުގައި ފައިސާ ހޯދައި، އެ ސަރަޙައްދުގެ ތަރައްޤީއަށް ގިނަގުނަ މަޝްރޫޢުތައް ހިންގުމުގެ ފުރުޞަތު ތަނަވަސްވެގެން ދާނެ އެވެ.

ފޭދޫ ޓޫރިޒަމް ޒޯނަކީ ހަމައެކަނި އައްޑޫގެ މުސްތަޤްބަލް ބައްޓަން ކުރާނެ މަޝްރޫޢެއް ނޫނެވެ. މިއީ މުޅި ދެކުނުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށް ދޭނެ، އަދި ގަން އިންޓަނޭޝަނަލް އެއށޕޯޓް ފުރިހަމަ ޤާބިލުކަމާއެކު ބޭނުން ކުރެވޭނެ ފުރުޞަތުތަކަށް ހުޅުވާލައިދޭނެ އިސްތިރާޖީ މަޝްރޫޢެކެވެ.

މިކަންކަން ޙާޞިލުކުރުމަށްޓަކައި، ބުލޮކް ގްރާންޓަށް ވުރެ ބޮޑަށް، ސަރުކާރުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުން ވަނީ ޤާނޫނީ އަދި ރެގިއުލޭޓަރީ ހުރަސްތައް ނައްތާލައި، އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމްކޮށް ދިނުމުގަ އެވެ.

ނޯޓް: މިއީ އަބްދުﷲ ރަޝީދު (މޫނިމާ) ގެ ލިޔުމެކެވެ.